ޚަބަރު

ޕަރމަނަންޓް ސެކްރެޓަރީންގެ އިޞްލާޙު ކޮމިޓީން ފާސްކޮށްފި


ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ޢައްޔަންކުރާނީ އެ މިނިސްޓްރީއެއް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރުގެ ލަފާފުޅާއެކުކަމަށް ހަމަޖެއްސެވުމަށް ސިވިލް ސަރވިސްގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ފާސްކުރައްވައިފިއެވެ. 

މި އިޞްލާޙު ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މި އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. ސިވިލް ސަރވިސްގެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ، ޕަރމަނަންޓް ސެކްރެޓަރީން ޢައްޔަންކުރައްވަނީ ސިވިލް ސަރވިސް ކޮމިޝަނުންކަމަށެވެ. މި އިޞްލާޙު ފާސްވެއްޖެނަމަ މިނިސްޓްރީތަކުގައި ތިއްބެވި ޕަރމަނަންޓް ސެކްރެޓަރީންގެ ވަކިކުރެއްވުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައިގަންނަވާނެއެވެ.

ޕަރމަނަންޓް ސެކްރެޓަރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފައާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގެވުމާ ބެލެހެއްޓުމެވެ. އެއިދާރާއެއްގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުންގެ އެންމެ އިސް ފަރާތަކީ ޕަރމަނަންޓް ސެކްރެޓަރީންނެވެ.