ޚަބަރު

ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރައްޖެއިން ތަންފީޒުކުރާނެ: ވަޒީރު އިޙްސާން


ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރައްޖެއިން ތަންފީޒުކުރުމުގައި ވަކި މީހަކު އިސްތިސްނާ ނުކުރާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ވަޒީރާ ސުވާލުކުރެއްވުމުން، އެކަމަށް ހަނުހުންނެވިކަމަށް ބުނެ އަމިއްލަ މީޑިއާއަކުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤުވާމީ ކޯޓުތަކުން ކުރާ އަމުރުތައް އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ތަންފީޒުކުރާނެ ޤައުމެއްކަމަށެވެ.

ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އައިސީސީން ވަނީ ނެރެފައެވެ.

މިއާއެކު ހަޔޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުމާއި ގުޅިގެން އެކަމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

އެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ ނިންމުމަށް އިޙްތިރާމުކުރާކަން ފާހަގަކުރައްވައި އެ ޙުކުމް ތަންފީޒުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ، ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށްވެސް މިއީ ކޮންމެހެން ކުރަންޖެހޭކަމެއްކަން ރާއްޖެއިން ފާހަގަކުރެއެވެ.

އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި, ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. އައިސީސީ އުފެއްދުމަށް އެކުލަވައިލި ރޯމް ސްޓޭޓިޔުޓް ތަސްދީޤު ކޮށްފައި ވަނީ 1998ވަނަ އަހަރުގައެވެ. އދގެ ޢާންމު މަޖިލީހުން ވެސް ވަނީ އައިސީސީއަށް ރުހުން ދީފައެވެ. ނަމަވެސް, އެއީ މިނިވަން, މުސްތަޤިއްލު ކޯޓެކެވެ.

އައިސީސީގެ ނިންމުންތަކާއި ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތް ނަމަވެސް, އައިސީސީގެ މެންބަރު ޤައުމުތަކުގެ މައްޗަށް އެ ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒު ކުރުން ލާޒިމު ކުރެއެވެ.

ރާއްޖެއިންދަނީ ފަލަސްޠީނުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވާ އެކަމުގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނެރެ ފަލަސްޠީނަށް މިނިވަންކަން ހޯދައިދިނުމަށް ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމުތަކުގައި ވަކާލާތުކުރަމުންނެވެ.