ޚަބަރު

ފްލެޓްގެ ޓެކްސް މައާފްކުރުމުގެ އިޞްލާޙެއް ހުށަހަޅައިފި


ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކުރާ ފުލެޓް ގަންނަ ފުރަތަމަ ފަހަރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭގޮތަށް ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް އިޞްލާޙެއް ހުށައަޅުއްވައިފިއެވެ. 

ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް މި އިޞްލާޙު ހުށައެޅުއްވީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓަރީ ޤްރޫޕުގެ މެމްބަރު ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމްއެވެ. މި އިޞްލާޙުގައި، އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގަންނަ މީހަކީ ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވެފައި، އެއީ އޭނާ ފްލެޓް ގަންނަ ފުރަތަމަ ފަހަރު ކަމުގައިވާނަމަ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާ ވެގެންވާނެކަމަށް ބުނެފައިވެއެވެ. މިހާރު ޤާނޫނުގައި ވާގޮތުން ރާއްޖޭގައި ވިއްކާ ފްލެޓްތަކުން ޓެކްސް ނެގޭނެއެވެ. ޢަލީ ސަލީމް ހުށައެޅުއްވި މި އިޞްލާޙުގައި އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބިދިނުމަށް އޮތް ހުރަހެއްކަމުގައި ނުބެލެވޭނެކަމަށް ބުނެފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14664243648319.jpg|ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް / ފޮޓޯ: މަޖިލިސް

މިއަދުގެ ޖަލްސާގައި އެމްޑީޕީ ސަރުކާރުގައި ފްލެޓު ދޫކުރަން ބުނި އަގުގައި ރައްޔިތުންނަށް ފްލެޓްތައް ދޭންޖެހޭކަމަށް ގޮވާލާ އެމްޑީޕީން މަޖިލީހަށް ހުށައެޅި ޤަރާރު މަޖިލީހަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ. މިޤަރާރު ބަލައިނުގަތުމަށް 31 މެމްބަރަކު ވޯޓް ދެއްވިއިރު،  މި ޤަރާރު ބަލައިގަންނަން ވޯޓް ދެއްވީ އެންމެ 22 މެމްބަރުންނެވެ. 

މިޤަރާރުގެ އިތުރުން ދެ ޤާނޫނަކަށް މިއަދުގެ ޖަލްސާގައި އިޞްލާޙު ހުށައަޅުއްވާފައިވެއެވެ. އެއް އިސްލާހަކީ ވަޒީފާއާ ބެހޭ ޤާނޫނަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ހުށައަޅުއްވާފައިވާ އިޞްލާހެވެ. މި އިޞްލާހަކީ ވިޒާ ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތުން މުސާރަ އާއި ސާރވިސް ޗާޖު އަދި އެހެނިގެން އިނާޔަތްތައްވެސް ދިނުމުގައި ޢަމަލުކުރާ އުޞޫލު ހަރުދަނާކުރުމަށް ހުށައެޅުއްވި އިޞްލާހެކެވެ. 

img:http://s3.psmnews.mv/images/660x400/14621125869021.jpg|ބިދޭސީންތަކެއް މަސައްކަތުގައި / ފޮޓޯ: ޕީއެސްއެމް

މިއަދުގެ ޖަލްސާއަށް ދެން ހުށަހެޅުނު ބިލަކީ ޓޫރިޒަމްގެ ޤާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށައެޅުއްވި އިޞްލާހުގެ ބިލެވެ. މިއިޞްލާހަކީ ޢާންމުކޮށް އިޢުލާނުކުރުމަކާނުލައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާނެ އުޞޫލުތައް ކަނޑައެޅުމަށް ހުށައެޅުއްވި އިޞްލާޙެކެވެ. މި އިޞްލާޙުގެ ތެރޭގައި ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުން އަތުން ގްރީން ޓެކްސް ނެގޭނެ އިންތިޒާމް ހަމަޖެއްސުންވެސް ހިމެނެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމްތަތަކަށް ޚިދުމަތުގެ ފީއެއް ނެގުމުގެ ނިޒާމް ތަޢާރަފްކުރުންވެސް މި އިޞްލާޙުގައި ހިމަނުއްވާފައިވެއެވެ. މި އިޞްލާޙުތައް މަޖިލީހަށް ހުށައެޅުއްވިނަމަވެސް އަދި މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށް ގެންދަވާފައެއް ނުވެއެވެ.