ޚަބަރު

އަނިޔާއިން ރަނގަޅުވެ ރޮޑްރީ މި އަހަރު ކުޅުމުގެ އުއްމީދުގައި


އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެންޗެސްޓަރ ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އަށް ލިބިފައިވާ އޭސީއެލް އަނިޔާއިން ރަނގަޅުވެ، މިއަހަރު އެނބުރި ދަނޑަށް ނިކުމެވޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ރޮޑްރީގެ ކަނާތުފައިގެ ކަކުލު ހުޅަށް އަނިޔާވީ، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ޕްރިމިއަރ ލީގުގައި ސިޓީގެ ދަނޑުގައި 2-2 އިން އާސެނަލްއާ އެއްވަރުވި މެޗުގައެވެ.

މި އަނިޔާ އިން ރަނގަޅުވެ، ކުޅުމަށް އެނބުރި އަންނަ ހަ މަހާއި އަހަރަކާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭއިރު، ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ވެސް ވަނީ ކަކުލުގެ އޮޕަރޭޝަނަށް ފަހު މި އަހަރު ދެން ރޮޑްރީ އަށް ނުކުޅެވޭނެ ކަމަށް ބުނެފައެވެ.

އެކަމަކު، ދާދިފަހުން ރޮޑްރީ ވަނީ، އޮޕަރޭޝަނަށްފަހު ރިކަވަރީގެ ކަންތައްތަކުގައި ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށާއި، އޭނާގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ކުޅުމަށް އެނބުރިއައުން ކަމަށް ބުނެފައެވެ.

"އަހަރެންގެ އަމާޒަކީ މި އަހަރު ކުޅެން ނިކުތުން. މި ސީޒަނުގައި އަދި ކުޅެވޭނެ ކަމަށް ހިތްވަރު ގެއްލުވާނުލައި އެކަމަށް މަސައްކަތްކުރުމަކީ އަހަރެންނަށް ވަރަށް މުހިއްމު ކަމެއް،"

"އަހަރެން އެއްވެސް މިސްޓޭކެއް ހަދާކަށް ބޭނުމެއް ނޫން. އަމާޒަކީ ކުރިއަށްއޮތް ހައެއް ނުވަތަ ހަތް މަސްދުވަހުގެ ތެރޭގައި ކުޅުމަށް އެނބުރިއައުން." ދަ ރެސްޓް އިޒް ފުޓްބޯލްގެ ނަމުގައި ހިންގާ ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ރޮޑްރީ ބުންޏެވެ.

މިދިޔަ އަހަރުތަކުގައި ސިޓީގެ ކާމިޔާބީގައި އެންމެ ހިއްސާ ބޮޑު ކުޅުންތެރިޔާ ކަމަށްވާ، ރޮޑްރީ ނެތި އެ ޓީމުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުވެފައެއްނުވެއެވެ.

ރޮޑްރީގެ އިތުރުން ސިޓީގެ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް ކުރިމަތިވީ އަނިޔާގެ މައްސަލަތަކާ ހުރެ ލީގުގައި ވެސް އެ ޓީމު ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ވާދަވެރި ލިވަޕޫލަށްވުރެ އަށް ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ.

ލީގުގައި ސިޓީ އަށް ދެން އެންމެ އަވަހަށް އޮތީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން ނުވައެއް ޖަހާއިރު އެވެ.