ޚަބަރު

ޖަވާބުދާރީވުމަށް އެންމެ ފަހު ފުރުޞަތު ހުމާމަށް ދީފި


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝިމް ޢަލީ އަވަހާރަކޮށްލިކަމަށް ބުނެ، ޝަރީޢަތުގެ މަޖިލީހުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ޙުސައިން ހުމާމް އިއުތިރާފްވެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެއްޖެއެވެ.

ދައުލަތުން މިހެން ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ، ހުމާމް މެރުމަށް ދަށުކޯޓުންނާއި ހައިކޯޓުން ނިންމަވާފައިވާ ނިންމެވުން ކަށަވަރުކުރެއްވުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައެވެ. މި މައްސަލާގައި ފުރަތަމަ ބޭއްވެވި އަޑުއެހުމުގައި ހުމާމްގެ ވަކީލް ވިދާޅުވީ، ޑރ. އަފްރާޝީމް އަވާހަރަކޮށްލިކަމަށް ހުމާމް އިޢުތިރާފްވެފައިވަނީ އެނާއަށް ފުލުހުން ބިރުދައްކައި، މަޖްބޫރުކުރުވުމުންކަމަށެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް މިއަދު ވިދާޅުވީ މަޖްބޫރުކުރުވިކަމަށް ހުމާމް ބުނަމުން އަންނަނީ، ތަޙުޤީޤްގައި ބަންދުގައި ހުންނަންޖެހުމާއި ތަޙުޤީޤްގައި ފުލުހުން ސުވާލުކުރުންމުން ކަމަށެވެ. އަދި އެއީ ކުށަށް އެއްބަސްވާންޖެހޭ މަޖުބޫރީ ޙާލަތެއް ނޫންކަމަށާއި މަޖުބޫރުކުރިކަމަށް ބުނާއިރު، އެފަދަ މައްސަލައެއް ހުމާމްގެ ފަރާތުން އެއްވެސް ފަރާތަކަށް ހުށައަޅާފައިނުވާކަންވެސް ދައުލަތުން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ހުމާމްގެ މައްޗަށް ކުށްސާބިތުވެފައިވަނީ ހަމައެކަނި އިޢުތިރާފުން ނޫންކަމަށާއި އެނާއާ ދެކޮޅަށް ހުށައެޅުނު ހެކިންތަކުންވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ހުމާމުކަން ސާބިތުވާކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/4370.jpg|ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް ނިންމާލުމަށް ފަހު ހުމާމް ކޯޓުން ނެރެގެން ގެންދަނީ. ފައިލް ފޮޓޯ: ޕީއެސްއެމް

ހުމާމުގެ ނަފްސާނީ މައްސަލައެއް ހުންނަކަމަށް ބުނެ، އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށްވެސް ދައުލަތުން މިއަދު ރައްދުއްދެއްވިއެވެ. މިގޮތުން މީގެ ކުރިން ސައުވީސް ފަހަރަކު ހުމާމުގެ މައްޗަށް އެކި މައްސަލަތަކުގައި ދަޢުވާކުރައްވާފައިވާއިރު މީގެކުރިން، ދުވަހަކުވެސް އެހެން ބުނެފައިނުވާކަން ދައުލަތުން ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލެއްވީ ދައުލަތުގެ ވާހަކަތަކަށް ޖަވާބުދާރީވުމަށް ދިފާޢީ ވަކީލް އެދިވަޑައިގަތުމުން، އެކަމަށް ފުރުޞަތުދެއްވުމަށްފަހުއެވެ. އަދި އެއީ ޖަވާބާދާރީވުމަށް ދެވޭނެ އެންމެ ފަހު ފުރުޞަތުކަންވެސް މައްސަލަ ބައްލަވާ ބެންޗުން މިއަދު އިޢުލާންކުރައްވާފައިވެއެވެ. 

ސުޕްރީމްކޯޓްގައި ހުމާމަށް މައްސަލަ ނާކާމިޔާބުވެއްޖެނަމަ މަރުގެ ޙުކުމާ އެނާ ކުރިމަތިލާންޖެހޭނެއެވެ. މަރުގެ ޙުކުމުން އެނާއަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ޑރ. އަފްރާޝީމުގެ ވާރިސުންގެ ތެރެއިން އެކަކުވެސް މަރަށް މަރުހިފަން ބޭނުންނޫން ކަމަށް ބުނުމުންނެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމަށް އެކުލަވާލެއްވި ޤަވާޢިދަށް ދާދިފަހުން ގެންނެވި އިޞްލާޙްގައި ވަނީ މީހެއްގެ މައްޗަށް ސުޕްރީމްކޯޓުން މަރުގެ ޙުކުމް ދަމަހައްޓަވާތާ ތިރީސްދުވަހުގެ ތެރޭގައި އެމީހަކު ދަންޖައްސައިގެން އެ ޙުކުމް ތަންފީޒުކުރަންވާނެކަމަށެވެ. އަދި ޙުކުމް ތަންފީޒުކުރުމަށް އޮންނަ ތިރީސްދުވަހުގެ ތެރޭ އިސްލާމިކް މިނިސްޓްރީ މެދުވެރިވެވަޑައިގެން އެމީހަކަށް މަޢާފް ހޯދައިދިނުމަށް ޢާއިލާއެކު ވާހަކަ ދައްކާނެކަމަށްވެސް އެ ޤަވާޢިދުގައިވެއެވެ.