ޔޫރޮޕާ ލީގުގައި ރޭ ނޯވޭގެ ބޯޑޯގްލިމްޓާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ އަލެހަންދްރޯ ގަރްނާޗޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް ޓައުން އާއި ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗުގެވެސް ފުރަތަމަ މިނިޓުގައި ޔުނައިޓެޑް އިން ވަނީ ލަނޑު ޖަހާފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްއިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދި ނަމަވެސް ބޯޑޯގްލިމްޓް އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާ އޭގެ 18 މިނިޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 23 ވަނަ މިނިޓުގައި އެ ޓީމުގެ ޒިންކަނަގެލް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓް ހޯދަދީ މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހޮއިލަންޑް އެވެ.
މި މެޗުން މޮޅުވުމާއެކު ޔޫރޮޕާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ފަސް މެޗުން އެ ޓީމަށް ވަނީ 9 ޕޮއިންޓާއެކު ތާވަލުގެ 12 ވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލާޒިއޯ އަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.