ޚަބަރު

އެއްބަސްވުމާ ޚިލާފުވެ ޔަހޫދީ ސިފައިން ލުބްނާނަށް ބޮންއަޅައިފި


ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލި އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ޤައުމުގެ ދެކުނުގެ ރަށަކަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ވަނީ އެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ 13 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

ނަމަވެސް، ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅަން ފަށާފައެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން، ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކުރިއެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނެސްފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ލުބްނާންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު، އަދި ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ޙަސަން ފަޟްލިالله ވިދާޅުވީ، ޔަހޫދީން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައެވެ. "ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ ރައްޔިތުން އެ މީހުންގެ ގެދޮރަށް އެނބުރި ދާން ފެށުމާ އެކު އިސްރާއީލުގެ ދުޝްމަނުން މި ވަނީ އެ މީހުންނަށް ޙަމަލާ ދޭން ފަށާފައި. އެއީ، އެ މީހުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތަކެއް،" އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ ދެކުނުގެ ރަށަކަށް ވައިގެ ޙަމަލާތަކެއް ދީފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ލަޔިޠާނީ ކޯރުގެ އުތުރުން އޮތް އަލް-ބީސާރިއްޔާއަށެވެ. އެ މީހުން ބުނީ، ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ޙިޒްބުاللهން ރޮކެޓު ފަދަ ހަތިޔާރު ރައްކާކުރާ ގުދަނަކަށް ކަމުގައެވެ.

އެއަށްފަހު، ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ދަތުރު ކުރަމުން ދިޔަ އުޅަނދެއްގައި ތިބި ބަޔަކަށް އަމާޒުކޮށް ޙަމަލާ ދީފައިވާނެ ކަމަށް ވެސް ޔަހޫދީން އެއްބަސްވިއެވެ. ޙިޒްބުاللهން ބުނީ، އެ އުޅަނދުގައި ތިބީ، އަމިއްލަ ވަޒަނަށް އެނބުރި ދިޔުމަށް ދަތުރު ކުރަމުން ދިޔަ ޢާންމުން ކަމުގައެވެ. ލުބްނާންގެ ދެކުނުގައި އޮތް ފަސް ރަށެއްގައި ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކަކަށް ޙަމަލާދީ ދެ މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ ދައުލަތުގެ މީޑިޔާއާއި އަސްކަރިއްޔާއިން ހާމަކުރިއެވެ.

ލުބްނާން ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީން އެއްބަސް ކުރުވާފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ފަރަންސޭސިވިލާތާ ގުޅިގެންނެވެ. އެ އެއްބަސްވުމުގެ ދަށުން، ލުބްނާންގެ ދެކުނުގެ ރަށްތަކަށް އެއްގަމު މަގުން އަރައި ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން 60 ދުވަހުގެ މުހުލަތެއްގެ ތެރޭގައި އެ ބިމުން ފައިބަން ޖެހޭނެއެވެ. އެއަށް ފަހު، އިސްރާއީލުގެ ސަރަޙައްދީ ރޮނގާ ގުޅޭ ސަރަޙައްދުގައި އަމަން ބަލަހައްޓާނީ ލުބްނާންގެ އަސްކަރިއްޔާއިންނެވެ. އަދި، ލަޔިޠާނީ ކޯރާއި އިސްރާއީލުގެ ސަރަޙައްދީ ރޮނގާ ދެމެދުގައިވާ ސަރަޙައްދުތަކުގައި ހަތިޔާރު ގެންގުޅުން މަނާވާނެއެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދިޔަ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,823އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 15,859އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.