ޚަބަރު

ބެންފީކާއިން ފަހަތުން އަރައި މޮނާކޯގެ މައްޗަށް ކުރިހޯދައިފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ބެންފީކާއިން ފަހަތުން އަރައި ފްރާންސްގެ މޮނާކޯ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގައި މޮނާކޯ ބަލިވި ފުރަތަމަ ފަހަރެވެ.

މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ މޮރޮކޯގެ ޒުވާން މިޑްފީލްޑަރު، އެލީސް ބެން ސެގީރް ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ރަޝިއާ ވިންގް، އަލެކްސެންޑާ ގޮލޮވިން އިސްވެހުރެ އުފެއްދި ކައުންޓަރއެޓޭކެއްގެ އެހީގައި ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް، މެޗުގެ 37 ވަނަ މިނެޓުގައި ބެންފީކާ އަށް އެއްވަރުކޮށްދޭން އާޖެންޓީނާގެ ކުރީގެ މިޑްފީލްޑަރު، އެންހެލް ޑި މާރިއާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ މޮނާކޯގެ ގޯލްކީޕަރު، ރަޑޮސްލާވް މަޖެކީ މަތަކުރިއިރު، ލިބުނު ކޯނަރަކުން ނިކޮލަސް އޮޓަމެންޑީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، މޮނާކޯގެ ފޯވާޑް، ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، މި ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި މޮނާކޯގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބެންފީކާ އިން އެއްވަރުކުރީ ޑިފެންޑަރު، ވަންޖެލިސް ޕަވްލީޑިސް ކާމިޔާބުކުރި ގޯލުންނެވެ.

މި ނަތީޖާގައި އޮއްވާ، މޮނާކޯގެ މަގްނެސް އަކްލިއޫޝް އާއި ބެންފީކާގެ އަލެގްޒެންޑާ ބާ ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ މި ދެ ލަނޑުވެސް ބަލައިނުގަތެވެ.

މި މެޗުގެ 58 ވަނަ މިނެޓުގައި މޮނާކޯގެ ވިލްފްރައިޑް ސިންގޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ވަނީ ދަނޑުން ފޮނުވާލުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އެކަމަކު، އޭގެ ނުވަ މިނެޓުފަހުން ސޮންގޮޓޫ މަގަސާ ވަނީ ކްރިސްޓިއަން މަވިސާ ދިން ޕާހަކުން އަލުން މޮނާކޯ އަށް ލީޑްނަގައިދީފައެވެ.

މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ޑި މާރިއާ ނަގައިދިން ހުރަހަކުން އާތަރ ކަބްރާލް ބޮލުން ވައްދާލި ލަނޑުން ބެންފީކާ އިން ދެވަނަ ފަހަރަށް އެއްވަރުކުރިއެވެ. އޭގެފަހުން، މެޗުގެ 88 ވަނަ މިނެޓުގައި ބެންފީކާ މޮޅުވި ލަނޑުޖަހައިދިނީ ޒެކީ އަމްދޫނީ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޑި މާރިއާ އެވެ.

މި ނަތީޖާއާއެކު މޮނާކޯ ވަނީ 36 ޓީމު ހިމެނޭ މި މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގެ ތާވަލްގެ އަށްވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. މި މެޗުން މޮޅުވި ބެންފީކާ ވަނީ ނުވަ ޕޮއިންޓާއެކު 14 ވަނަ އަށް ޖެހިލައިފައެވެ.

މި މުބާރާތުގައި ބެންފީކާ ދެން ކުޅޭ މެޗުގައި އަންނަ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އިޓަލީގެ ބޮލޯނިއާ އާ އެވެ. ހަމަ އެދުވަހު ރަށުން ބޭރުގައި މޮނާކޯ ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.