ޚަބަރު

މި އަހަރުގެ ގޯލްޑަން ބޯއި އެވޯޑް ޔަމާލްއަށް


ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، ބާސެލޯނާ އަދި ސްޕެއިނުގެ ވިންގް ލަމީން ޔަމާލްއަށް ލިބިއްޖެއެވެ.

މިއީ އިޓަލީގެ ނޫހެއް ކަމަށްވާ ޓުޓޯ ސްޕޯޓްއިން 2003 ވަނަ އަހަރުން ފެށިގެން، ޔޫރަޕްގެ 21 އަހަރުންދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމަށްފަހު ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މިހާރު އުމުރުން 17 އަހަރުގެ ޔަމާލް އަކީ މި އެވޯޑް ހާސިލްކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ. މިފަހަރުގެ ގޯލްޑެން ބޯއީ އެވޯޑް ހާސިލްކުރިއިރު ޔަމާލްގެ އުމުރަކީ 17 އަހަރާއި ހަތަރު މަސްދުވަހެވެ.

ޔަމާލް މި އެވޯޑް ހޯދާފައިމިވަނީ ތުރުކީ އަދި ރެއާލް މެޑްރިޑްގެ ހުނަރުވެރި މިޑްފީލްޑަރު، އާރދާ ގުލާ އާއި ފްރާންސްގެ ޕީއެސްޖީގެ މިޑްފީލްޑަރު، ވަރެން ޒަޔަރް-އެމެރީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ޔަމާލް ވަނީ މިދިޔަ މަހު ބޭއްވި ބެލަންޑިއޯ އެވޯޑްގައި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޯޕާ ޓްރޮފީ ހާސިލްކޮށްފަ އެވެ. އަދި، މި ފަހަރުގެ ބެލަންޑިއޯގެ ނޮމިނޭޝަންގައި ޔަމާލް ދިޔައީ އަށްވަނަ މަގާމަށެވެ.

ޔަމާލް އަކީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނުން ކާމިޔާބުކުރިއިރު އެކަމުގެ ހިއްސާ ބޮޑު އެއްކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައެވެ. އަދި ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ޖެހި ގޯލާއެކު މުބާރާތުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް ޔަމާލް އަތުގައެވެ. މީގެއިތުރުން، އެ މުބާރާތުގެ ފައިނަލް މެޗުގައި އިންގްލެންޑާ ދެކޮޅަށް ކުޅެ، ޔޫރޯ ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް އޭނާ އަތުގައެވެ.

ނިމިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ސީޒަނުގައި ވެސް ޔަމާލް ވަނީ ރަނގަޅު ފޯމު ދަމަހައްޓައިފައެވެ. މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި ބާސެލޯނާ އޮތްއިރު، އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގައި ފަސް ލަނޑުޖަހައިފައެވެ. ޔަމާލް އަކީ، ގާވީ، ޕެޑްރީ އަދި މެސީ އަށް ފަހު މި އެވޯޑް ކާމިޔާބުކުރި ބާސެލޯނާގެ ހަތަރުވަނަ ކުޅުންތެރިޔާއެވެ.

2023 ވަނަ އަހަރުގެ ގޯލްޑެން ބޯއީ އެވޯޑް ހޯދީ އިންގްލެންޑާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ. އަދި، މީގެކުރީން، މިއެވޯޑް ހޯދާފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ކިލިއަން އެމްބާޕޭ، ނޭމާ، އެޑިންސަން ކަވާނީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް ކުޅެފައިވާ ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ އިތުރުން އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ހިމެނެއެވެ.