ޚަބަރު

ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނުމުގެ ފުރުސަތު ދެވިގެން ނުވާނެ


ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކުގައި ދިވެހިންގެ ބައެއް މީހުން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ނުވަތަ ރައްޔިތުން ހިތްވަރުދީގެން ކުރާކަމެއްކަމަށް ބުނުމުގެ ފުރުޞަތު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފިއެވެ.

މެމްބަރުން މިކަމަށް ގޮވާލެއްވީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަރުދާހަށް ބަޙުސްކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައިވަނީ، މިފަދަ ކަރުދާހެއް ހުށައެޅުއްވީ، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމަކީ، މި ވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވެފައި، މިއީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށްވާތީކަމަށެވެ. މި ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިކަމަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ބިރުވެރި، ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުގައި ރާއްޖެއިން މިހާރުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަނަމަވެސް، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށްގެންވެސް، އިތުރު އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މި ކަރުދާހަށް ބަޙުސްކުރެއްވުމަށް މަޖިލީހުން ރިޔާސަތުން ކަނޑައެޅުއްވީ 3 ގަޑިއިރުގެ ވަގުތެކެވެ. މި މައްސަލައަށް ބަޙުސްކުރައްވަމުން މެމްބަރުން ވިދާޅުވީ، ޓެރަރިޒަމަކީ މުޅި ޤައުމު ހިތްވަރުދީގެން ކުރާކަމެއްކަމަށް ބުނުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެކަމަށެވެ. ސަރުކާރަށް ތާއީީދުކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ، ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ރާއްޖޭގައި މިކަން އޮތްމިންވަރަށްވުރެ ބޮޑުކޮށްގެން ކެނޑިނޭޅި ރާއްޖެއިން ބޭރުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށާއި، ސިޔާސީ ޕާރޓީތައް އުފެދުނު ހިސާބުން މިކަން ފަށާފައިވާކަމަށެވެ.

އެހެން ޤައުމުތަކުގެ ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިން ދާދިއުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ކުރައްވައި، ޚާއްޞަ ސަމާލުކަމެއް ދެއްވަން ޖެހިފައިވާކަމަށް މެންބަރުން ވިދާޅުވިއެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ވިދާޅުވީ، މިއީ ރާއްޖޭގެ އަގު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވެއްޓިފައިވާކަމެއްކަމަށެވެ. އަދި ޓެރަރިޒަމް ރާއްޖޭގައި އޮތް ޙާލަތު ބޭރު ޤައުމުތަކަށް ހާމަކުރަންޖެހޭކަމަށް އެ މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމުން ދިމާވެފައިވާ އަދި ދިމާވަމުންދާ، ޚާރިޖީ، ދާޚިލީ، އަދި އިޖްތިމާޢީ މައްސަލަތަކަކީ، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.