ވިޔަފާރި

ބަހުގެ ޚިދުމަތް ފެށުމަށް އައްޑޫ އާއި ފުވައްމުލަކަށް 13 ބަސް


އައްޑޫ އާއި ފުވައްމުލަކުގައި ބަސް ދަތުރުގެ ޚިދުމަތް ދިނުމަށް ޒަމާނީ ފެންވަރުގެ 13 ބަސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ރާއްޖެ ގެނެސްފިއެވެ.

ދެކުނުގެ ދެއަތޮޅުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރައްވާފައިވަނީ އެމްޕީއެލްއާއެވެ. އެކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، އައްޑޫއާއި ފުވައްމުލަކުގައި ބަހުގެ ޚިދުމަތް ދިނުމަށް ގެނެސްފައިވަނީ އޭސީ ކޮށްފައިހުރި ޒަމާނީ ބަސްތަކެއް ކަމަށެވެ. އަދި ބަސްތައް އައްޑޫއަށާއި ފުވައްމުލަކަށް ގެންދިއުމަށް ޚާއްސަ އިންތިޒާމްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

ދެކުނުގެ ދެއަތޮޅުގައި ބަސްދަތުރުގެ ޚިދުމަތް ދިނުމަށް ދެސައިޒެއްގެ ބަސް ބޭނުން ކުރާނެއެވެ. އެއީ 52 މީހުންގެ ޖާގައިގެ ބަހާއި 32 މީހުންގެ ޖާގައިގެ ބަހެވެ. މި ބަސްތައް ގެނައުމަށް 800،000 ޑޮލަރު ހޭދަކުރައްވާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.

ދެކުނުގެ ދެއަތޮޅުގައި ބަސްދަތުރުގެ ޚިދުމަތް ފެށުމަށް އެމްޕީއެލްއިން ތައްޔާރުވެފައިވާއިރު، އެކުންފުނިން މިހާރު ގެންދަނީ އެ ދެއަތޮޅުގައި ފެރީގެ ޚިދުމަތްވެސް ދެމުންނެވެ.