މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް އިންތިޚާބުކުރާ ހިންގާ ކޮމިޓީގެ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ރައީސް އާއި، އިދާރީ ނައިބު ރައީސް އާއި، މާލީ ނައިބު ރައީސްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަދި ފަސް މެންބަރުންނެވެ.
އެމްބީއޭގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ޚާއްސަ އަންމު ޖަލްސާ އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ހ. ބޯޅަގޭގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެމް.އެން.އައި.އެސް ސެމިނަރ ރޫމްގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 20 އެސޯސިއޭޝަން ހިމެނެއެވެ.
އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބު/ޖަމުއިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމާއި، އިންތިޚާބުގައި ހޮވާ މަގާމިތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލާއެކު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އެމްބީއޭގެ އިންތިޚާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަންނަ މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 13:30 އާ ހަމައަށް ހުށަހެޅޭނެ ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި ފުރިހަމަ މެންބަރު ކުލަބު/ޖަމުއިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވާ ބުދަ ދުވަހުގެ 13:30 ކަމަށާއި، ހުރިހާ ފޯމެއްވެސް ހުށަހަޅަންވާނީ އެ އެސޯސިއޭޝަނުގެ އިދާރީ އޮފީހަށް ކަމަށް އެމްބީއޭއިން މައުލޫމާތުދެއެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ މިހާރުގެ ރައީސްއަކީ އަޙްމަދު އާދަމް (އެޑަމް) އެވެ. 2019 ވަނަ އަހަރު އެމްބީއޭގެ ރައީސްކަމަށް އެޑަމް އިންތިޚާބުވި ފަހުން ވަނީ ރާއްޖޭގެ ބާސްކެޓަށް ގިނަ ބަދަލުތަކެއް ގެނަސްފައެވެ.