ޚަބަރު

ސެންގުންގެ ޓްރިޕަލް-ޑަބަލް އާއެކު ރޮކެޓްސްއިން ވުލްވްސް ބަލިކޮށްފި


އެންބީއޭ ކަޕްގައި އަލްޕެރެން ސެންގުންގެ ޓްރިޕަލް-ޑަބަލް އާއެކު އިތުރުވަގުތުގައި ހިއުސްޓަން ރޮކެޓްސް އިން 117-110 އިން މިނެސޯޓާ ޓިމްބަވުލްވްސް ބަލިކޮށްފި އެވެ.

މިނެސޯޓާ ގައި ހުންނަ ޓާގެޓް ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ދެ ކުއާޓާގައި ލީޑްނަގައި، ރޮކެޓްސް އިން ފުރަތަަމަ ހާފު ނިންމާލިީ 57-47 އިން ކުރިގަ އޮވެގެންނެވެ.

ފުރަތަަމަ ދެ ކުއާޓާއާ ހިލާފަށް މެޗުގެ ތިންވަނަ ކުއާޓާގައި ޓިމްބަވުލްވްސް އިން ކުޅުން ރަނގަޅުކޮށް ފުރަތަަމަ ފަހަރަށް ލީޑަކާއެކު ނިންމާލިއެވެ. އެ ޓީމުން ތިންވަނަ ކުއާޓާ ނިންމާލީ 31-27 އިން ކުރީގަ އޮވެގެންނެވެ. އެއަށްފަހު ދެން ކުޅެވުނު ހަތަރުވަނަ ކުއާޓާގައި 24-18 އިން ޓިމްބަވުލްވްސް ކުރިހޯދައި، ދެ ޓީމުން ފުރިހަމަވަގުތު ހަމަވިއިރު އޮތީ 102-102 އިން އެއްވަރުވެފައެވެ. މިއާއެކު، ނަތީޖާ ނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ ތެރޭގައި ރޮކެޓްސް ވަނީ 15-9 އިން ކުރީހޯދައި މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުން ރޮކެޓްސް މޮޅުކޮށްދިނުމުގައި ސެންގުން ވަނީ 22 ޕޮއިންޓާއެކު، 10 ރީބައުންޑް ނަގައި، 11 އެސިސްޓް ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ފްރެޑް ވަންވްލީޓް ވަނީ 27 ޕޮއިންޓާއެކު، އަށް ރީބައުންޑް ނަގައި، 11 އެސިސްޓް ހަދާފައެވެ.

ޓިމްބަވުލްވްސް އިން އެންމެ ރަނގަޅަށް ކުޅުނީ އެންތަނީ އެޑްވާޑްސް އެވެ. އޭނާ ވަނީ 29 ޕޮއިންޓާއެކު 10 ރީބައުންޑް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖޫލިއަސް ރޭންޑަލް 21 ޕޮއިންޓް އެއްކުރިއެވެ.

މި މުބާރާތުގައި ދެން ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފީނިކްސް ސަންސް އަތުން 127-100 އިން ލޮސް އެންޖެލަސް ލޭކާސް ވަނީ ބަލިވެފައެވެ. ސަން އެންޓޯނިއޯ ސްޕާސް އަތުން 128-115 އިން ޔޫޓާ ޖޭޒް ބަލިވިިއިރު، ވޮޝިންގޓަން ވިޒަޑްސް އަތުން ޝިކާގޯ ބުލްސް މޮޅުވީ 127-108 އިންނެވެ.