ކުޅިވަރު

ރޫމޭނިއާ ބަލިކޮށް އަލްބޭނިއާ ދެވަނަ ބުރުގެ އުއްމީދުގައި


ރޫމޭނިޔާގެ މައްޗަށް ކުރި ހޯދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އަލްބޭނިޔާއިން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

 ރޫމޭނިޔާގެ މައްޗަށް އަލްބޭނިޔާއިން ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި އަލްބޭނިޔާއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާރމަންޑޯ ސަޑިކުއެވެ. މިއީ އަލްބޭނިއާ ޔޫރޯގައި ހޯދި ފުރަަތަމަ މޮޅެވެ.

މި މެޗުން އަލްބޭނިޔާ މޮޅުވިނަމަވެސް އެ ޓީމަށް ގްރޫޕް އޭއިން ލިބެނީ ތިން ޕޮއިންޓާއެކު ތިންވަނައެވެ. އެހެންކަމުން ގަދަ ސޯޅައިން އަލްބޭނިޔާއަށް ފުރުޞަތު ލިބޭނެކަން އިނގޭނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗްތައް ނިމުމުންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން ގަދަ ސޯޅައިން ދެން ޖާގަ ލިބޭނީ ހުރިހާ ގްރޫޕަކުންވެސް ތިންވަނައަށް ދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެވެ. މެޗުން ބަލިވުމުން ރޫމޭނިއާ އަށް ޖެހުނީ ޕޮއިންޓަކާ އެކު މުބާރާތާ އަލްވަދާޢު ކިޔާށެވެ.