މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރި "އޮޅުހިޔާ" ރަސްމީކޮށް ހުޅުވުމަށްފަހު މިހާތަނަށް މަގުމަތީގައި އުޅޭ ބުޅާތައް އެފެސިލިޓީއަށް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް މާލޭ ސިޓީކައުންސިލުން ކޮށްފައިނުވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި މަގުމަތީ އުޅޭ ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް ޤާއިމްކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިނގާ ބުޅާ ފެސިލީޓީގެ އެންމެހާ މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލާއެވެ. އެގޮތުން އެތަނަށް ބޭނުންވާ ވަސީލައްތަކާއި މުވައްޒަފުން ހޯދުމާއި ބުޅާތައް އެތަނަށް ގެންދިއުމުގެ ޒިންމާވެސް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން މާލެ ސިޓީކައުންސިލާއެވެ.
އޮޅުހިޔާ ހުޅުވައި، ފުރަތަމަ ހަފްތާ ތެރޭގައި ބުޅާތައް އެ ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރާނެކަމަށް މީގެ ކުރިން ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ އެއްވެސް މަސެއްކަތެއް މިހާތަނަށް މާލޭ ސިޓީކައުންސިލުން ކޮށްފައިނުވާކަން ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޕެޓްކެއަރ ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށްފަހު މިއަދާހަމައަށް ވެސް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެކަމާގުޅޭގޮތުން މިމަސައްކަތް ހަވާލުކޮށްފައިވާ ފަރާތްކަމުގައިވާ
— Ministry of Agriculture and Animal Welfare (@MAAWmv) November 25, 2024
1/2@min_maaw @MaleCitymv pic.twitter.com/G37bmUahXB
ދާދި ފަހުން ސިޓީކައުންސިލުން ވަނީ އެ ފެސިލިޓީގެ އޮޕަރޭޝަން ފަށައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށާއި މިހާރު ކުރެވެމުންދަނީ ޝެލްޓަރއަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތްކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގެ ޚިދުމަތް އަންނަ، ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފަށައިގަނެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީކައުންސިލުން މިހެން ވިދާޅުވެފައިވަނީ ފެސިލީޓީއަށް ބުޅާ ގެންދިޔުމުގައި ސިޓީކައުންސިލުން އެއްވެސް މަސައްކަތެއްކޮށްފައިނުވާކަން ފާހަގަކޮށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާނުކުރާތީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި، މަސައްކަތްތައް ލަސްވަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އޮޅުހިޔާ ނުވަތަ ބުޅާތައް ބަލަހައްޓާ ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ. އެތައް މިއީ އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. އަދި ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، ބުޅާތައް ބެލެހެއްޓުންވެސް އޯގާތެރިކަމާއި އަޅައިލުމާއެކު އިންތިޒާމު ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.