ވިޔަފާރި

މާރުކޭޓުގައި ތަކެތީގެ އަގު ހެޔޮވާން ފަށައިފި


ރަމަޟާން މަހުގެ ކުރީ ކޮޅާ އަޅާބަލާއިރު މިހާރު ލޯކަލް މާރުކޭޓުގައި ލިބެން ހުރި ރާއްޖޭގެ އުފެއްދުންތަކާއި ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވިއްކާ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ އަގު ހެޔޮ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެގޮތުން ކެރެޓް ކިލޯއެއް ފަންސަވީސް ރުފިޔާއަށް ލިބެން ހުރި އިރު، ކެބެޖް ކިލޯއެއް ވިއްކަން ހުރީ ފަންސާސް ފަސް ރުފިޔާއަށެވެ. ބީންސް ކިލޯއެއް ފަސްދޮޅަސް ރުފިޔާއަށް ލިބެން ހުރިއިރު ޓޮމާޓޯ ކިލޯއެއް ވިއްކަން ހުރީ ފަސްދޮޅަސް ރުފިޔާއަށެވެ. ބޮޑުމިރުސް ކިލޯއެއް ހަތްދިހަ ރުފިޔާއަށް ލިބެން ހުރިއިރު ގިތެޔޮ މިރުސް ކިލޯއެއް ވިއްކަން ހުރީ ސާޅީހާއި ތިރީސް ފަސް ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ލޯކަލް މާރުކޭޓުން މިއަދު އާންމު ގޮތެއްގައި ލިބެން ހުރީ ހަތަރު ބާވަތެއްގެ ފަތެވެ. އެއީ ކޮޕީ ފަތާއި، ކަންކުންފަތާއި، ކުއްޅަފިލަތާއި، ލެޓިއުސްއެވެ. ބާޒާރުން އެންމެ ގިނަ މީހުން ގަންނަމުންދާ ކޮޕީ ފަތެއް މިއަދު ވިއްކަން ހުރީ ފަސް ރުފިޔާ އަށް ފަތެކެވެ. އަދި ކޮޕީ ފަތް ބޮނޑިއެއް ވިއްކަން ހުރީ، ފަނަރަ ރުފިޔާއާއި ވިހި ރުފިޔާ ދެމެދުގެ އަގުތަކެއްގައެވެ. ކަންކުން ފަތް ތިން ބޮނޑި ދިހަ ރުފިޔާއަށް ލިބެން ހުރި އިރު، ކުއްޅަފިލާ ފަތް ދެ ބޮނޑި ލިބެން ހުރީ، ފަންސަވީސް ރުފިޔާއަށެވެ. 

img:http://s1.psmnews.mv/images/660x400/14654744450226.jpg|ލޯކަލް މާރުކޭޓް- ފޮޓޯ: ޕީއެސްއެމް

މާރުކޭޓުގައި ތަކެތި ވިއްކާ ބައެއް ވިޔަފާރިވެރިން ބުނީ، ރަމަޟާން މަހުގެ ކުރީ ކޮޅާ އަޅާބަލާއިރު އެވްރެޖްކޮށް ހުރިހާ ބާވަތަކުންވެސް މިހާރު އަގު ހެޔޮވެފައިވާކަމަށެވެ.

މާރުކޭޓުގައި ލިބެންހުރި ފަނި ގިރާ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ފެޝަންފުރުޓް ކިލޯއެއް ފަސްދޮޅަސް ރުފިޔާއަށް ލިބެން ހުރިއިރު، އަލަނާސި ކިލޯއެއް ވިއްކަން ހުރީ، ސާޅީސް ރުފިޔާއަށެވެ. މެލަން ކިލޯއެއް ފަންސާސް ފަހަކަށް ވިއްކަން ހުރިއިރު، ފޭރު ކިލޯއެއް އުޅެނީ ހަތްދިހަ ރުފިޔާއަށެވެ. ކުރުނބާގެ އަގު އުޅެނީ، ތިރީސް ރުފިޔާއާއި ސާޅީސް ރުފިޔާ ދެމެދުގެ އަގުތަކެއްގައެވެ. ކުރިން ތިރީސް ރުފިޔާއަށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު މިހާރު އުޅޭނީ، ވިހި ރުފިޔާއަށެވެ.

ރާއްޖޭގައި ހައްދާ އަނބު މާރުކޭޓުން ލިބެން ނެތް ނަމަވެސް، ރާއްޖެއިން ބޭރުން އެތެރެކުރާ އަނބު މާރުކޭޓުގައި ލިބެން އެބަހުއްޓެވެ.