ޚަބަރު

ޖޫން 24 އިން ފެށިގެން އެޖެންސީތަކާއި މެދު ފިޔަވަޅު އަަޅަނީ


އަލަށް ޢަމަލުކުރައްވަން ފެއްޓެވި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ޤަވާޢިދުގައިވާ ގޮތަށް އެޖެންސީތަކުގެ ހިންގުމުގެ ކަންކަން އިޞްލާޙުނުކުރާނަމަ ޖޫން 24 އިން ފެށިގެން އެފަދަ އެޖެންސީތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަޒީފާދޭ އޭޖެންސީތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން، ޚާއްޞަކޮށް، ވަޒީފާތަކަށް މީހުން ރެކްރޫޓްކުރުމުގައި ގިނަ މައްސަލަތަކެއް ހުރިމާއި، އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން ގެންނަ ޝަކުވާ އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅެމުންދާތީ، މިފަދަ މައްސަލަތައް ދެފުށްފެންނަ ގޮތަކަށް ބައްލަވައި މޮނިޓަރކުރެއްވުމުގެ ގޮތުން، އެމިނިސްޓްރީން މިހާރު މިވަނީ، 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި ޤަވާޢިދު ބާޠިލުކުރެއްވުމަށްފަހު އާ ޤަވާޢިދެއް މިއަހަރުގެ މާޗްމަހުގެ 24 ގައި ގެޒެޓްކުރައްވާފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓަންޓް ސަޢީދާ ޢުމަރު ވިދާޅުވީ، ވަޒީފާދޭ އެޖެންސީތަކުގެ ގޮތުގައި 300 އެއްހާ ތަނެއް ލައިސަންސް ނަގައިގެން ހިންގަމުންދާކަމަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީމަހުން ފެށިގެން އެތަންތަން މޮނިޓަރކުރެވޭ މިންވަރު ބެއްލެވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރެއްވި ސަރވޭގައި މިހާތަނަށް 175 ތަން ބައްލަވާފައިވާ ކަމަށާއި، އޭގެތެރެއިން ލިބިފައި ހުރި އެޑްރެސްތަކުގައި ހިންގަނީ 15 އެޖެންސީކަމަށް ސަޢީދާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/bidheyseeen.jpg|ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ފޮނުވާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: އެމްބީސީ ނިއުސް

އެހެންކަމުން މިދަފަ ކަންކަމަށް ޤަވާޢިދުގައި ވަކި ޚާއްޞަ ކަންތައްތަކެއް ފުރިހަމަކުރަން ބާރުއަޅުއްވާފައިވާނެ ކަމަށާއި، އޭގެ ދަށުން ޢަމަލުނުކުރާނަމަ ނުވަތަ އައު ޤަވާޢިދުގައިވާ ގޮތަށް މިމަހުގެ 24 ފެށިގެން އެޖެންސީތަކުގެ ކަންކަން އިޞްލާޙުނުކޮށްފިނަމަ އެތަންތަން ޖޫރިމަނާކުރައްވަމުން ގެންދަވާނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓަންޓް ވިދާޅުވިއެވެ.

މިޤަވާޢިދަށް ޢަމަލުކުރައްވަން ފެއްޓެވުމާއެކު، ވަޒީފާދޭ ފަރާތްތަކުން ދޭ ޚިދުމަތްތަކާ އެންމެ ގުޅުން ހުންނަ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އިމިގްރޭޝަން ފަދަ އިދާރާތަކާ ގުޅިވަޑައިގެން އެޖެންސީތަކުން އައު ޤަވާއިދަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބެއްލެވުމުގެ ކަންކަން ކުރިއަށްގެންދެވުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މި ޤަވާއިދުގެ ސަބަބުން ރާއްޖެއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާހަގަކުރާ އިންސާނީ ވަގުފާރި ފަދަ ކަންކަން ހައްލުވެގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.