ޚަބަރު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ބަލަސުބްރަމާނިއަމް


  • އޭނާ މީގެކުރިން ހުންނެވީ ނައިޖީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރަށް ޖީ.ބަލަސުބްރަމާނިއަމް އައްޔަންކުރެއްވުމަށް އިންޑިއާ ސަރުކާރުން ނިންމަވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި މިހާރު ހުންނެވީ މުނޫ މަހާވަރުއެވެ. އޭނާ އެ މަޤާމާއި ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2021ގައެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރެއްގެ ގޮތުގައި ހަމަޖެއްސެވި ބަލަސުބްރަމާނިއަމް މިހާރު ހުންނެވީ އިންޑިއާއިން ނައިޖީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. އިންޑިއާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމާއި ބަލަސުބްރަމާނިއަމް ވަރަށް އަވަހަށް ހަވާލުވެވަޑައިގަންނަވާނެކަމަށެވެ.

1998 ވަނަ އަހަރު އިންޑިއާގެ ޚާރިޖިއްޔާއާ ގުޅިވަޑައިގެންނެވި ބަލަސުބްރަމާނިއަމް ވަނީ ރަޝިޔާ، އެމެރިކާ، ތައިލެންޑުގައި ހުންނަ އިންޑިއާގެ މިޝަންތަކުގައި މަސައްކަތްކުރައްވާފައެވެ.