ޚަބަރު

އެމްއާރުޑީސީ އޮތީ މާލީގޮތުން ނާޒުކު ހާލަތެއްގައި !


މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރު.ޑީ.ސީ ހިންގުމުގައި ހުރި މާލީ އަދި ޤަވާޢިދާ ޚިލާފު އެތައް މައްސަލަތަކެއްގެ ސަބަބުން ކުންފުނި އުފެއްދި މަޤުޞަދު ޙާޞިލްކުރުމުގައި އެކުންފުނި ފަހަތަށް ޖެހެމުންދާކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައިފިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޕާރފޯމަންސް އޮޑިޓުގައިވާ ގޮތުން އެކޯޕަރޭޝަނުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ކުންފުނީގެ މާލީ ޙާލަތަށް ރިޢާޔަތް ނުކުރުމުގެ ސަބަބުން އެކުންފުނި މާލީގޮތުން ނާޒުކު ޙާލަތެއްގައިވާކަމަށެވެ. 

ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް އެކުލަވާލަންޖެހޭ ދިގުމުއްދަތުގެ ސްރެޓީޖިކް ޕްލޭނާއި ހިންގުމުގެ ޕްލޭން އެމް.އާރު.ޑީ.ސީން އެކުލަވާލާފައި ނުވާކަމަށާއި، މިކަމުގެ ސަބަބުން ކުންފުނީގެ އެތެރޭގެ ހިންގުމަށް ބުރޫއަރައި މަޝްރޫޢުތައް ހިންގަންޖެހޭ މިންވަރަށް ހިނގަމުންނުދާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. 

އެމް.އާރު.ޑީ.ސީން ކުރިއަށްގެންދާ މަޝްރޫޢުތައް އެންމެ އެކަށީގެންވާ މިންވަރަށް މޮނިޓަރ ނުކުރެވި، މަޝްރުޢޫތައް ކުރިއަށްދާވަރަކަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައްވެސް ތައްޔާރުކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން 2011 އިން 2014 އާ ދެމެދު އެމް.އާރު.ޑީ.ސީއާ ޙަވާލުކުރެއްވި މަޝްރޫޢުތަކުގެ ތެރެއިން 92 އިންސައްތަ މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިންމާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ޕާރފޯމަންސް އޮޑިޓްގައި ފާހަގަކުރައްވާފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/5753.jpg|އެމްއާރުޑީސީން ހިންގި ޕްރޮޖެކްޓެއްގެ ތެރެއިން

އެމް.އާރު.ޑީ.ސީގެ މެންޑޭޓްގައިވާ ބައެއް ކަންކަން ކުރުމުގައި އެކުންފުނި ނުކުޅެދިފައިވާކަމަށާއި، ބޯޑުގެ ޒިންމާތައްވެސް އެކަށީގެންވާ މިންވަރަށް އަދާކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ކުންފުނީގެ އުޅަންދުތައްވެސް އެކަށީގެންވާ ގޮތެއްގައި މޮނިޓަރކޮށްފައި ނުވާކަމަށާއި، ކުންފުނީގެ ބެލުމުގެ ދަށުގައިވާ މުދާވެސް އެންމެ އެދެވިގެންވާގޮތަށް ރައްކާތެރިގޮތެއްގައި ގުދަންކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާކަން އޮޑިޓް ރިޕޯޓްގައިވެއެވެ. 

އެމް.އާރު.ޑީ.ސީ ހިންގުމުގައިވާ މިފަދަ އެތައް މައްސަލަތަކެއްގެ ސަބަބުން އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެވޭކަން އޮޑިޓަރ ޖެނެރަލް އޮފީހުން ހެއްދެވި ސަރވޭތަކުން ދައްކާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ. މިމައްސަލަތައް ޙައްލުކުރައްވައި އެކުންފުނީގެ ހިންގުން ހަރުދަނާކޮށް، އެކަށީގެންވާ ގޮތެއްގައި ކުންފުނީގެ ލިޔެކިއުންތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުފައްދަވާފައިވަނީ 2010 ވަނައަހަރު، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއްގެ ގޮތުގައެވެ. ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އާރު.ޑީ.ސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެމަޤާމުން ވަކިކުރައްވައި، އެމް.ޓީ.ސީ.ސީގެ ސީއީއޯގެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުއްރައްޒާޤް ޙަލީމް އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަންކުރައްވާފައެވެ.