ޚަބަރު

ނޭކުރެންދޫ ޕްރައިވެޓް ޖަލު 3 މަސްތެރޭގައި ނިމޭނެ- މިނިސްޓަރ


ޖަލުތައް ހިންގެވުން ހަރުދަނާ ކުރެއްވުމާއި، ދައުލަތަށް ޚަރަދުކުޑަކޮށް ޖަލުތައް ހިންގެވޭނެ ގޮތްތައް ސަރުކާރުން ގެންދަވަނީ ބައްލަވަމުންނެވެ. އެގޮތުން ޖަލުތައް ޕްރައިވެޓައިޒް ކުރެއްވުމަށް ނިންމަވައި އެކަން ތަންފީޒުކުރެއްވުމަށް މިހާރު ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ، ނޭކުރެންދޫގައި ހައްދަވާ ޕްރައިވެޓް ޖަލުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. ރާވާލާގޮތަށް ހައްދަވާ މި ޖަލުގެ ޑިޒައިން ނިމި ޗައިނާގެ ފެކްޓްރީއަކުން ޖަލުގެ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަލު ރާވާ ނިމި، ޖަލުގެ އޮޕަރޭޝަން މި އަހަރު ފައްޓަވައި، ޕްރައިވެޓައިޒް ކުރުމަށް ހުޅުއްވާލައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖަލުތައް ޕްރައިވެޓައިޒް ކުރެއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދަޢުލަތަށް ވީހާވެސް ޚަރަދުކުޑަކޮށް ޖަލުތައް ހިންގެވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޖަލުތައް ޕްރައިވެޓައިޒް ކުރެއްވި ނަމަވެސް ޖަލުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްކަމަށާއި، ޖަލު ހިންގަވާނީ، އެ އޮފިސަރުގެ ކޮމާންޑްގެ ދަށުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ނޭކުރެންދޫގައި ޖަލު ރޭވުމަށް ކަނޑައަޅުއްވާފައިވާ ބިން ބައްލަވައި، އެތަނުގައި ހުރި ރުއްގަސްތަކަށް މިހާރު ބަދަލު ދެއްވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިއީ ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމެއްގައި ޖަލެއް ޕްރައިވެޓައިޒް ކުރެވޭ ފުރަތަމަ ފަހަރު ކަމަށާއި، މި ކޮންސެޕްޓަކީ ހުޅަނގުގެ ޤައުމުތަކުގައި ޒަމާނުއްސުރެ ތަންފީޒުކުރަމުންދާ ކާމިޔާބު ކޮންސެޕްޓެއްކަމަށެވެ. ނޭކުރެންދޫގައި ހައްދަވާ ޖަލަށް ގެންދިއުމަށް ކަނޑައަޅުއްވާފައިވަނީ، ތިންވަނަ ކެޓެގަރީގެ ކުށްވެރިންނެވެ. ތިންވަނަ ކެޓެގަރީގެ ކުށްވެރިންނަކީ، ކުދި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ.