ޚަބަރު

ފުރަތަމަ އޯޑީއައި މެޗުގައި ޒިމްބާބްވޭއިން ޕާކިސްތާން ސިއްސުވާލައިފި


ޒިމްބާބްވޭގައި މިހާރު ކުޅެމުންދާ ވަންޑޭ ސީރީޒްގެ ފުރަތަމަ މެޗުގައި ޕާކިސްތާންގެ މައްޗަށް އެ ޓީމުން ކުރިހޯދައިފިއެވެ.

ވިއްސާރައިގެ ސަބަބުން ކުރުކޮށްލަން ޖެހުނު މި މެޗުން ޑަކްވޯތު ލުވިސް މެތަޑުން ޒިމްބާބުވޭ މޮޅުވީ 80 ލަނޑުގެ ތަފާތަކުންނެވެ.

ޒިމްބާބުވޭގެ ބުލަވާޔޯގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. ޒިމްބާބުވޭ އިން ކުޅެން އަރައި، 40.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 205 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނީ ރިޗަޑް އެންގަރާވާ އާއި ސިކަންދަރް ރަޒާ އެވެ. ރިޗަޑް އެންގްރާވާ ވަނީ 52 ބޯޅައިން 48 ލަނޑުހަދައިފައެވެ. ސިކަންދަރް ރަޒާ ނުބައިވީ 39 ލަނޑަށެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ކްރެއިގް އާވިން ނުބައިވީ އެންމެ ހަ ލަނޑަށެވެ.

ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ސަލްމާން އާގާ އާއި ފައިސަލް އަކްރަމް އެވެ. މި ދެ ކުޅުންތެރިން ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

ވިއްސާރައިގެ ސަބަބުން ކުރުކޮށްލަން ޖެހުނު ދެވަނަ އިނިންގްސްގައި ޕާކިސްތާނަށް ކަނޑައެޅިފައިވާ ޓާގެޓް ކަމަށްވާ، 141 ލަނޑަށް ވާސިލްނުވެވި، 21 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 60 ލަނޑެވެ. މި އިނިންގްސްގައި އެ ޓީމުގެ ކެޕްޓަން، މުޙައްމަދު ރިޒުވާން އާއި ކަމްރާން ގުލާމް ފިޔަވައި އެހެން ކުޅުންތެރިއަކަށް 15 އިން މަތީގެ ސްކޯއެއް ނުކުރެވުނެވެ. އެ ޓީމުގެ ކެޕްޓަން، މުޙައްމަދު ރިޒުވާން ނުބައިނުވެ 19 ލަނޑުހެދިއިރު، ކަމްރާން ގުލާމް ނުބައިވީ 17 ލަނޑަށެވެ.

ޒިމްބާބުވޭ އިން އެންމެ ރަނގަޅަށް އުކީ ޝޯން ވިލިއަމްސް އާއި ބްލެސިންގ މުޒަރަބާނީ އަދި ސިކަންދަރް ރަޒާ އެވެ. މި ތިން ކުޅުންތެރިން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިމްބާބުވޭގެ އޯލްރައުންޑަރު، ސިކަންދަރް ރަޒާ އެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު ކުޅޭނީ މާދަމާ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މެންދުރު 12:30 ގައެވެ.