ޚަބަރު

ރޯދަ ހިފުމުން ބައެއް ބަލިތަކަށް ޝިފާ ލިބޭ- ތަޖުރިބާކާރުން


ރޯދައަކީ ފޮރުވިފައިވާ ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ އަޅުކަމެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ނަފްސާނީ ބަލިތަކާއި އެހެނިހެން ބަލިތަކަށް ޝިފާ ލިބޭކަމަށް ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރޯދައަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޞުވެގެންވާ އަޅުކަމެކެވެ. ރޯދައަށް ހުރުމުން ލިބިގެންދާ ޘަވާބު އެއީ އެންމެ މުހިންމު ފައިދާއެވެ. މި މަތިވެރި ޘަވާބާއި ދަރުމައިގެ އިތުރުން ރޯދަހިފުމަކީ އެމީހަކަށް ނަފުސާނީ އަދި ޞިއްޙީ ދުޅަހެޔޮކަމުގެ ގޮތުން ގިނަގުނަ ފައިދާތަކެއް ރޯދަވެރިޔާއަށް ލިބޭ ކަމެކެވެ. ރޯދައިގެ ސަބަބުން ރޯދަވެރިޔާއަށް ލިބޭ ޞިއްޙީ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމް ނުވަތަ މައިދާގެ ބަލިތަކުން ދުރުކޮށްދެއެވެ. އަދި އިންސާނާގެ ހަށިގަނޑުގެ ތޭރޭގައި ހުންނަ ހަކުރާއި ކޮލެސްޓްރޯލާއި، ބައެއްކަހަލަ ރިހުންތައްތަކަށް ރޯދައަކީ ފަރުވާއެކެވެ. 

ޚާއްޞަގޮތެއްގައި ނަފްސާނީ ބައްޔަށާއި، ބަރުދަން އިތުރުވުން ފަދަ ކަންތައްތަކަށް ޙައްލު ހޯދުމަށްވެސް ރޯދަ ހިފުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ. ރޯދައިގެ މަތިވެރި ސަވާބާއި ދަރުމައިގެ އިތުރަށް ފޮރުވިފައިވާ އެހެން ފައިދާތަކުގެ މައްޗަށް ދީނީ ޢިލްމުވެރިން އަބަދުވެސް މުސްލިމުން ހޭލުންތެރިކުރައްވައެވެ.

img:http://s4.psmnews.mv/images/660x400/14663375864516.jpg|

އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާޢިދު އައްޝައިޚް ޢިއްޒުއްދީން ޢަދުނާނު ވިދާޅުވީ ބައެއް ކަހަލަ ބަލިބައްޔަށް ޝިފާއެއްގެ ގޮތުން ރޯދަހިފުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާކަމަށެވެ. އަދި ޞިއްޙީ ގޮތުން މީހާގެ ފުރާނެ ނުވަތަ ޞިއްޙަތަށް ގެއްލުންވެދާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވައިފިނަމަ އެ އިރުޝާދުގެ މަތިން ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތްކަމެއްކަން ޢިއްޒުއްދީން ޢަދުނާން ހަނދާންކޮށްދެއްވިއެވެ.

ރޯދަހިފުމަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ކަމެކެވެ. ރޯދައިގެ ސަބަބުން ލުއިލިބޭ ތަފާތު ބަލިތަކުގެ ތެރޭގައި، ހަޖަމުކުރާ ނިޒާމުގެ ތަފާތު ބަލިތައް ހިމެނެއެވެ. އާދަޔާ ޚިލާފަށް ފަލަވުމާއި، ލޭހޮޅިތަކުގައި ސަރުބީޖެހުމާއި، ލޭމައްޗަށް ދިއުމާއި، ނޭވާއަށް އުނދަގޫކުރުން ފަދަ އެތައް ބަލިތަކަކަށް ފަރުވާކުރުމުގައި ރޯދަ އެހީތެރިވެދެއެވެ. ރޯދަ ހިފުމުން ނަފްސާނީ ފައިދާތަކެއްވެސް އިންސާނާއަށް ކުރެއެވެ. ރަމަޟާންމަހު ރޯދަހިފާ މީހުން ހާސްކަންކުޑަވެ، ހަމަޖެހުން ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ. ރޯދައަށް ހުންނައިރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙީގޮތުން ފައިދާލިބޭ ކެއުންތަކާއި ބުއިންތައް ބޭނުންކުރުމަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ވަރަށް މުހިންމުކަމެކެވެ.