ޚަބަރު

ކެޕްޓަން ފަޔާޒް 2 އަހަރާއި 3 މަހާއި 18 ދުވަހަށް ޖަލަށް !


ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ޙާދީސާއާ ގުޅިގެން ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ ކެޕްޓަން އަޙުމަދު ފަޔާޒު ދެ އަހަރާއި ތިންމަހާއި އަށާރަ ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކުރައްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާކުރެއްވި ސިފައިންގެ އަނެއް ދެމީހުންކަމަށްވާ މުސާ ޒަމީރާއި އަޙްމަދު ތިހާމް ހަތަރު މަހާއި ސައުވީސް ދުވަހަށް ޖަލަށްލުމަށްވެސް މިއަދު ކޯޓުން ޙުކުމްކުރައްވާފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ފަހުން ހިނގި ކަންތައްތަކާ ގުޅިގެން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދަޢުވާއާއި ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅިކަމުގެ ކުށުގެ ދަޢުވާ އަޙުމަދު ފަޔާޒުގެ މައްޗަށް އުފުއްލަވާފައިވެއެވެ. މީގެތެރެއިން ޢަދުލްއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވުމުން، އަޙުމަދު ފަޔާޒްގެ މައްޗަށް އިއްވަވާފައިވަނީ ދެއަހަރުގެ ޖަލު ޙުކުމެކެވެ. ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅިކަމުގެ ކުށް ސާބިތުވުމުން، އަޙްމަދު ފަޔާޒުގެ މައްޗަށް އިއްވަވާފައިވަނީ ތިން މަހާއި އަށާރަދުވަހުގެ ޖަލު ޙުކުމެކެވެ.

ސިފައިންގެ ދެ މީހުންކަމަށްވާ މުސާ ޒަމީރާ އަޙުމަދު ތިހާމްގެ މައްޗަށް އުފުއްލަވާފައިވަނީ ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދަޢުވާއެވެ. މި ކުށުގެ އަދަބެއްގެ ގޮތުން ހަތަރުމަހާއި ސައުވީސް ދުވަހަށް މި ދެ މީހުންވެސް ޖަލަށްލުމަށް ކޯޓުން ޙުކުމްކުރައްވާފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ޙާދިސާއާއި ހިނގުމާ ހަމައަށް އަޙްމަދު ފަޔާޒު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް ( އެސްޕީޖީ) އަދި ސިފައިންގެ ބަޑިގުދަނުގެ ވެރިޔަކަށެވެ. ރިޔާސީ ލޮންޗްކޮޅުގައި ގޮއްވާލި އައިއީޑީ ތައްޔާރުކުރުމާއި ގޮއްވާލުމުގެ އަޑީގައި އެންމެ އިސްކޮށް ހުރިކަން ސާބިތުވެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފަނަރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ޙުކުމްކުރައްވާފައެވެ. އަދި އެކަމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ އަޙުމަދު އަދީބުގެ ދެ ބޮޑީ ގާރޑުންކަމަށްވާ ޙަސަން ރިކާޒާއި އަޙުމަދު އާމިރު ދިހަ އަހަރަށް ޖަލަށްލުމަށްވެސް ކުރިމިނަލް ކޯޓުން ޙުކުމްކުރައްވާފައިވެއެވެ.