އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން އަލުން ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިގޮތުން ބޭސް ނަގާ ފަރާތުގެ ފޯނަށް މާދަމާއިން ފެށިގެން އެ ކޯޑު ފޮނުވާނެކަމަށްވެސް އާސަންްދަ ކުންފުނިން ވިދާޅުވިއެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ، ބޭހާ ހަވާލުވާން އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފާމަސިސްޓަށް ނުވަތަ ބޭސް ދޫކުރާ ފަރާތަށް ދެއްކުމަށްފަހު އެ ފަރާތުގެ ފޯނު ނަންބަރު ދިނުމުން އެ ނަންބަރަށް ޑިސްޕެންސް ކޯޑު ފޮނުވާނެކަމަށެވެ. އަދި ޕާމަސިސްޓަށް ބޭސް ދޫކުރެވޭނީ އެ ކޯޑު އާސަންދަ ޕޯޓަލްއަށް އެންޓާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
ސަރުކާރުން ބޭސް ދޫކުރާއިރު ޑިސްޕެންސް ކޯޑު އަންނަ ގޮތަށް ބަދަލުކޮށްފައިވަނީ އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.
ސަރުކާރުން އަންނަނީ އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުންނެވެ.