ޚަބަރު

މޮނިކޮން އަމުރު ނެރުއްވުމަށް ލަފާދެއްވާ ކޮމިޓީއެއް އެކުލަވާލައިފި


މޮނިކޮން އަމުރު ނެރުއްވުމަށް ހޯމް މިނިސްޓަރަށް ލަފާދެއްވާ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފިއެވެ.

މޮނިކޮން އަމުރު ނެރުއްވުމުގެ ބާރު ކުރިން ހޯމް މިނިސްޓަރަށް ލިބިވަޑައިގެންފައިވީނަމަވެސް މިހާރު ހޯމް މިނިސްޓަރަށް އެއަމުރު ނެރުއްވޭނީ މިކޮމިޓީގެ ލަފަޔާއެއްގޮތަށެވެ. މޮނިކޮން އަމުރު ނެރުއްވުމަށް ހޯމް މިނިސްޓަރަށް ލަފާދެއްވުމަށް އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާއި، ޕިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިޙާދެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ ބުރާސްފަތި ދުވަހު އެކުލަވާލެއްވި މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަވާފައި ވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތުދެއްވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މޮނިކޮން އަމުރު ނެރުއްވުމަށް ހޯމް މިނިސްޓަރަށް ލަފާދެއްވާ ކޮމިޓީއެއް އެކުލަވާލެއްވުމާއެކު އެއަމުރު ނެރުއްވުމަށް ހޯމް މިނިސްޓަރަށް ލިބިވަޑައިގެންފައިވާ ބާރު ހަނިވެގެން ދިޔަނަމަވެސް، އެބާރު ހޯމް މިނިސްޓަރ އަތްޕުޅުން ނެންގެވިކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

އަލަށް އެކުލަވާލެއްވި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން މޮނިކޮން އަމުރު ނެރުއްވުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިދެއްވާފައިވެއެވެ. މަޤުބޫލު ސަބަބަކާ ގުޅިގެން މީހެއްގެ މައްޗަށް މޮނިކޮން އަމަރު ނެރުއްވަންޖެހޭކަމަށް ހޯމް މިނިސްޓަރަށް ޤަބޫލުފުޅުކުރެވިއްޖެނަމަ އެކަން ހައިކޯޓަށް ހުށައެޅުއްވުމުން ހައިކޯޓުން އެފަދަ އަމުރެއް ނެރުއްވައިފިނަމަ މޮނިކޮން އަމުރު ތަންފީޒު ކުރެއްވުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

މޮނިކޮން އަމުރު ނެރުއްވަނީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި، ވަކި ބައެއްގެ ހަރަކާތްތައް މޮނިޓަރ ކުރެއްވުމަށްޓަކައި ފައިގައި ޓެކް ހަރުކުރެއްވުމުގެ ބާރު ފުލުހުންނަށް ލިބިދެއްވުމަށްޓަކައެވެ.

ހޯމް މިނިސްޓަރ ވަނީ މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގައި އިސްކޮށް އުޅޭމީހުން ހޯއްދަވައި އެފަދަ ފަރާތްތަކުގެ މައްޗަށް މޮނިކޮން އަމުރު ތަންފީޒު ކުރައްވައި އެފަރާތްތަކުގެ ފައިގައި ޓެކް އަޅުއްވާފައެވެ. ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ރާއްޖޭގައި ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ކުރައްވަންޖެހުނު ކޮންމެކަމެއް އެމަނިކުފާނު ކުރައްވާނެކަމަށެވެ. މޮނިކޮން އަމުރު ނެރުއްވުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިވަޑައިގެންފައި އޮތްއޮތުން ހޯމް މިނިސްޓަރ ހިމެނިވަޑައިގަންނަވާ ކޮމިޓީއެއްގެދަށަށް ބަދަލުކުރައްވާފައިވަނީ ބައެއް ކުށްވެރިންގެ ފައިގައި ޓެގް އެޅުއްވުމާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުގެ ޕްރެޝަރ ކުރިމަތިވަމުންދާކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.