އެމެރިކާއާއި ޔޫކްރެއިނާއި ހުޅަނގުގެ އަމަލުތަކާ ގުޅިގެން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު އިތުރަށް ނުރައްކާވެ، ބޮޑު ހަނގުރާމައަކާ ދިމާއަށް ދުނިޔެ މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވެ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިންޒާރު ދެއްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި ވަނީ، އަޑަށްވުރެ ބާރަށް ދަތުރު ކުރާ ހައިޕަރސޮނިކް މިސައިލެއް ބޭނުން ކޮށްގެން ރަޝިޔާއިން ޔޫކްރެއިނަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ފަހު ދެއްވި މެސެޖެއްގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނިީ، ހައިޕަރސޮނިކް މިސައިލެއް ބޭނުން ކޮށްގެން ރަޝިޔާއިން ޔޫކްރެއިނަށް ދީފައިވާ ޙަމަލާއަކީ ހުޅަނގަށް ދީފައިވާ ނުރައްކާތެރި އިންޒާރެއް ކަމުގައެވެ. އަދި، ހުޅަނގުން ފަހަތަށް ނުޖެހިއްޖެ ނަމަ، އެމެރިކާއާާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކަށް ރަޝިޔާއިން ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.
ޔޫކްރެއިނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން އެންމެ ފަހުން ބޭނުން ކޮށްފައިވާ ހައިޕަރސޮނިކް މިސައިލަށް ދީފައިވާ ނަމަކީ އަރިއެޝްނިކެވެ. އެއީ، އެމެރިކާއާއި އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ ދުރު-ރާސްތާ މިސައިލްތައް ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިޔާއަށް ދާދިފަހުން ދީފައިވާ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި، އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ދަނީ ޔޫކްރެއިނަށް ވާގިވެރިވަމުންނެވެ. އަދި، ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މި ހަނގުރާމައަކީ، ޕްރޮކްސީއެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުން ކޮށްގެން ނޭޓޯން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ.
އެމެރިކާއިން ޔޫކްރެއިނަށް އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް އެ ހަތިޔާރުތައް ބޭނުން ކުރުން އޮތީ މަނާކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދިފަހުން ވަނީ އެ ކަމުގެ ހުއްދަ ޔޫކްރެއިނަށް ދީފައެވެ. އޭނާ މި ގޮތަށް އަމަލު ކުރައްވާފައި ވަނީ، ނޮވެންބަރު 5ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާގެ ޑިމޮކްރެޓިކް ޕާޓީ އަދި ރިޔާސީ ކެނޑިޑޭޓު، ނައިބު ރައީސާ ކަމަލާ ހެރިސަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ.
އެ ފުރުޞަތުގެ ބޭނުންކޮށް އެމެރިކާއާއި އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ ދުރު-ރާސްތާ މިސައިލްތައް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިޔާގެ ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަން ފެށުމުން ޕުޓިން ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ، ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުޞަތު އޮތް ކަމަށާއި، ދަތުރު ކުރަމުން ދަނީ އެ މިސްރާބަށް ކަމުގައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނީ، ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކުރަމުންދާ ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކުގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދިނުމަކީ ރަޝިޔާއަށް ލިބިގެންވާ ޙައްޤެއް ކަމުގައެވެ.
"ހުޅަނގަށް އަމާޒުކޮށް ޕުޓިން އެ ވިދާޅުވަނީ ހުއްޓައިލާށޭ، ފަހަތަށް ޖެހޭށޭ. އޭނާ އެ ވިދާޅުވީ، [ޔޫކްރެއިންގެ އެންމެ ފަހުގެ ޙަމަލާތަކާ އެކު] އެމެރިކާއާއި އިނގިރޭސިވިލާތުން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެ، ރަޝިޔާއާ ދެކޮޅަށް ޙަމަލާ ދީފައިވާ ކަމަށް ޤަބޫލު ކުރަމޭ. ނަމަވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ އަސްކަރީ ޤާބިލުކަން ބޭނުންކޮށްފައެއް ނުވާނެ، ސަބަބަކީ [ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިނުން ދެމުންދާ] ޙަމަލާތަކާ އެކު ހަނގުރާމައިގެ ހާލަތު ބަދަލެއް ނުވާނެ،" ކްރެމްލިންގެ ކުރީގެ މުޝީރެއް ކަމުގައިވާ ސެރްގިޔޭ މަރްކޮފް ވިދާޅުވިއެވެ.
ރަޝިޔާއިން ހައިޕަރސޮނިކް މިސައިލެއް ބޭނުން ކޮށްގެން ޔޫކްރެއިނަށް ޙަމަލާ ދީފައި މި ވަނީ، ރަޝިޔާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ޕުޓިން އެ ގޮތަށް އަމަލު ކުރައްވާފައި ވަނީ، ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ޔޫކްރެއިނަށް ދިނުމާ ގުޅިގެންނެވެ.
އެ އުސޫލަށް ޕުޓިން ގެންނަވާފައިވާ ބަދަލުތަކާ އެކު، ނިއުކްލިޔަރ ބާރަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަކީ، އޭގެ ރައްދުގައި ނިއުކްލިިޔަރ ހަތިޔާރު ބޭނުން ކުރެވިދާނެ އަމަލެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ދިފާޢީ އިއްތިޙާދެއްގެ މެންބަރު ޤައުމަކުން ރަޝިޔާއަށް ޙަމަލާއެއް ދިނުމަކީ، އެ އިއްތިޙާދެއްގައި ހިމެނޭ ހުރިހާ މެންބަރު ޤައުމަކުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމާ އެއްފަދަ އަމަލެއްގެ ގޮތުގައި ބަލާނެ ކަމުގައި ވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރަޝިޔާގެ މަޞްދަރަކުން ބުނީ، ހަނގުރާމައިގެ މަސްރަޙު އިތުރަށް ގޯސްވުމަށް، ނުވަތަ ހުޅަނގާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށުމަށް ޕުޓިން ބޭނުންފުޅު ނުވާ ކަމުގައެވެ. ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ހުޅަނގުގެ އެއްވެސް އަމާޒަކަށް ޙަމަލާ ދީފައެއް ނެތެވެ. އެއީ، ހުޅަނގާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ޕުޓިން ބޭނުންފުޅު ނުވާ ކަމުގެ ހެއްކެއް ކަމަށާއި، ނަމަވެސް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ ފުރުޞަތު ރަޝިޔާއަށް ލިބިގެންވާ ކަމުގައި ވެސް އެ ޤައުމުގެ މަޞްދަރުން ބުންޏެވެ. ރަޝިޔާއިން އެ ފަދަ އަމަލެއް ހިންގައިފިނަމަ ތިންވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމުގައި ވިދާޅުވެ، 2022 މާރިޗު މަހު ބައިޑަން ވެސް އިންޒާރު ދެއްވާފައިވެއެވެ.
ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާއިން ފޮނުވަމުންދާ ދުރު-ރާސްތާ މިސައިލްތައް ބޭނުން ކުރުމުގެ ހުއްދަ ބައިޑަން ދެއްވާފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބީ ހޯއްދެވުމާ ގުޅިގެންނެވެ. އޭނާއަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، ޔޫކްރެއިނަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުމާ ވެސް ދެކޮޅު ބޭފުޅެކެވެ.
2025 ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު، ފުރަތަމަ ދުވަހުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް، އެ ކަން ހާސިލު ކުރައްވާނެ ގޮތް ހާމަ ކުރައްވާފައެއް ނެތެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ވެރިކަމުގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާނެ، ނުވަތަ މަދު ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ. ޓްރަމްޕް ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ޔޫކްރެއިނަށް ވީހާވެސް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ބައިޑަންގެ ސަރުކާރުން މިިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.