ޚަބަރު

ފިނޭންސް މިނިސްޓްރީގެ އައު އިމާރާތުގެ މަސައްކަތް ފަށަނީ


ފިނޭންސް މިނިސްޓްރީ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ އައުއިމާރާތުގެ މަސައްކަތް ފެއްޓެވުމަށްޓަކައި އެބިމުގައި ހުރި އޮފީސްތައް އެހެން ޢިމާރާތްތަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމަކީ މިހާރު ގިނަ އޮފީސްތަކެއް ހިންގަމުންދާ ބިމެކެވެ. އެގޮތުން ފިނޭސް މިނިސްޓްރީގެ އިތުރުން، ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއާއި، ޙައްޖު ކޯޕަރޭޝަނާއި، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސްވެސް ހިންގަމުންދަނީ އެ ބިމުގައި މިހާރު ހުރި އިމާރާތްތަކުގައެވެ. މިއިމާރާތްތައް ބަދަލުކުރެއްވުވުމުގެ މަސައްކަތް މިދިޔަ މަހުންފެށިގެން ކުރައްވަމުންދާކަމަށް ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ނިންމާލެއްވޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އެބިމުގައި އެޅުމަށް ހަމަޖެހިފައިވާ 25 ބުރީގެ ޢިމާރާތަށް 123 މިލިއަން ޑޮލަރު ޚަރަދު ވާނެކަމަށް ފިނޭންސް މިނިސްޓްރީ ވިދާޅުވެއެވެ. އެއިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވާއިރު އިމާރާތުގެ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރގެ ޚަރަދުގައެވެ. އަދި ފައިސާ ކޮންޓްރެކްޓަރަށް އަންބުރާ ދޭންޖެހެނީ 23 އަހަރަށް ބަހާލައިގެން ކަމަށް ފިނޭންސް މިނިސްޓްރީ ވަނީ ވިދާޅުވެފައެވެ.