އިނގިރޭސި އެފްއޭ އިން މިހާރު ބަލަމުންދާ މެންޗެސްޓަރ ސިޓީގެ މައްސަލަތަކަށްފަހު އެ ކްލަބު ރެލިގޭޓް ކުރި ނަމަވެސް އެ ކްލަބުގައި މަޑުކުރާނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.
ގަޑިއޯލާ އާއިއެކު މެންޗެސްޓަރ ސިޓީ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު ދާދި ފަހުން ސިޓީ އިން ވަނީ އޭނާއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް ދެ އަހަރު އިތުރުކޮށް 2027 ގެ ނިޔަލަށް އޭނާ އެ ކްލަބުގައި ބަހައްޓަން ނިންމާފަ އެވެ.
ޕްރިމިއާ ލީގުގައި މި ހަފްތާގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިއްޔެ ގަޑިއޯލާ ބުނެފައިވަނީ އޭނާ މީގެ ކުރިންވެސް ބުނި ފަދައިން މިހާރު ބަލަމުންދާ މައްސަލަތަކަށްފަހު އަދަބެއްގެ ގޮތުން ސިޓީ ޕްރިމިއާ ލީގުން ލީގް ވަން އަށް ރެލިގޭޓް ކުރި ނަމަވެސް އޭނާ އެ ކްލަބުގައި މަޑުކުރާނެކަމަށް ވަނީ ބުނެފަ އެވެ.
ގަޑިއޯލާގެ ކޯޗިން ހަޔާތުގައި ވަނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ. ސިޓީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާއިރު ގިނަ ބަޔަކު ބުނެފައިވަނީ އެ ނަތީޖާއާއި ގަޑިއޯލާގެ މުސްތަގުބަލާއި ގުޅުމެއް ވާ ކަމަށެވެ..
ޕްރިމިއާ ލީގުގެ ގަވާއިދުތަކާއި ސިޓީ އިން ހިލާފުވެފައިވާކަމަށް ބުނެ އެ ކްލަބާއި ދެކޮޅަށް އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގުން ދަނީ 115 މައްސަލައެއް ބަލަމުންނެވެ. މިނިވަން ފަރާތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މައްސަލަތަކުގެ އަޑުއެހުންތައް ފަށާފައިވާއިރު އަންނަ ޑިސެމްބަރ މަހު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި މައްސަލައިގައި ގޮތެއް ނިންމާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ގަޑިއޯލާ ބުނެފައިވަނީ ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބުތަކުގެ ތެރެއިން 75 އިން ސައްތަ ކްލަބުން ބޭނުންވަނީ ސިޓީ ރެލިގޭޓް ވާން ކަމަށާއި އެ ކްލަބު ރެލިގޭޓް ކުރި ނަމަވެސް ޖެހިގެން އަންނަ ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
2016 ވަނަ އަހަރު މެންޗެސްޓަރ ސިޓީގެ ކޯޗު ކަމާއި ހަވާލުވި ގަޑިއޯލާގެ ކޮންޓްރެކްޓަށް ދެ އަހަރު އިތުރު ކުރުމާއެކު އޭނާ އެ ކްލަބުގައި 11 އަހަރު މަޑު ކުރާނެ އެވެ.
އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ގަޑިއޯލާ ވަނީ މެންޗެސްޓަރ ސިޓީ އަށް އެތަކެއް ކާމިޔާބީއެއް ހޯދަދީފަ އެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް 16 މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ. ގާޑިއޯލާ އާއެކު ސިޓީން މީގެ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތި މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ގާޑިއޯލާ ވަނީ ސިޓީއަށް އެއް ސީޒަނެއްގައި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކުރި އިނގިރޭސިވިލާތުގެ ދެވަނަ ޓީމަށް އެ ޓީމު ހަދާފައެވެ. މީގެ އިތުރުން އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި 100 ޕޮއިންޓް ހޯދި ފުރަތަމަ ޓީމަށްވެސް ވެފައެވެ.