ޚަބަރު

ޖަމްޢިއްޔާތައް ހަރުދަނާކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި


މިއަހަރުގެ ޖެނުއަރީ މަހުގެ 23 ން 24އަށް މާލޭގައި ކުރިއަށްގެންދިޔަ ކްލަބް ޖަމިއްޔާތަކާއި، އެންޖީއޯތަކުގެ މަހާސިންތާގައިވަނީ އިޖްތިމާއީ ނިޒާމުގައި ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ނިންމާފައެވެ.

މީގެ އިތުރުން ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމާއި، ޖަމްޢިއްޔާތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ނިންމާފައިވެއެވެ. މަހާސިންތާއިން ނިންމި ކަންކަން ތަންފީޒު ކުރެއްވުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ ޖަމްޢިއްޔާތަކުގެ މަހާސިންތާއިން ނިންމި ކަންކަން ތަންފީޒު ކުރެއްވުމަށް ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރުން ދިމާވާ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެހެން ނަމަވެސް މިހާރުން މިހާރަށް ތަންފީޒު ކުރެވެން ހުރި ކަންކަން ކުރެއްވުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފުޅާދާއިރާއެއްގައި ކުރައްވަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޔޫ.އެން.ޑީ.ޕީންވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންގެންދަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ބޭއްވި ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރާއި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ޖަމްޢިއްޔަތާކައި ދައުލަތުން ގުޅިގެން ކުރެވިދާނޭ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެތެރޭގައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމާއި،  ސަރުކާރު ޒިންމާދާކުރުވުމަށް މަދަނީ ޖަމްޢިއްޔާތަކަށް އަދާކުރެވިދާނެ ދައުރުވެސް ހިމެނެއެވެ. މީގެ އިތުރުން މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި މާލީ ގޮތުންނާއި، ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، މިކަންކަން ޙައްލުކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ޖަމްއިއްޔާތަކުން ވަނީ ހުށަހަޅާފައެވެ.

ކްލަބް ޖަމްޢިއްޔާތަކަކީ ރާއްޖޭގެ އިޖްތިމާއީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، ޖަމްޢިއްޔާތަކަށް ފަހި ފުރުޞަތު ހޯއްދަވައިދެއްވުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއްކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.