ޚަބަރު

ޔަހޫދީ ބޮޑިވަޒީރާއި ކުރީގެ ދިފާޢީ ވަޒީރު ހައްޔަރުކުރުމަށް އައިސީސީން އަމުރުކޮށްފި


ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ނެރެފި އެވެ. އައިސީސީން އެ އަމުރު ނެރިފައި ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ތުހުމަތުގައެވެ.

އެ ކޯޓުގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާންގެ އޮފީހުން ވަނީ އަނިޔާވެރި ނަތަންޔާހޫއާއި ގަލާންޓްގެ އިތުރުން ފަލަސްޠީނުގެ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސް ތިން ވެރިއަކު ހައްޔަރު ކުރުމަށް އަމުރު ނެރުމަށް ވެސް މަސައްކަތް ފަށާފައެވެ. އޭގެ ތެރޭގައި ހިމެނެނީ, ޙަމާސްގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއާއި, ޔަޙްހާ ސަންވާރާއި, މުޙައްމަދު އަލް-މަޞްރީއެވެ. މިހާރު އައިސީސީން ވަނީ މުޙައްމަދު އަލް-މަޞްރީ ހައްޔަރު ކުރުމަށްވެސް އަމަރު ނެރިފައެވެ.

އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި, ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. އައިސީސީ އުފެއްދުމަށް އެކުލަވައިލި ރޯމް ސްޓޭޓިޔުޓް ތަސްދީޤު ކޮށްފައި ވަނީ 1998ވަނަ އަހަރުގައެވެ. ނަމަވެސް, އެ ކޯޓު އުފެދިގެން އައީ 2002ވަނަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހު, ކޯޓު އުފެއްދުމަށް ބޭނުންވާ 60 ޤައުމުގެ ސޮއި ހަމަވުމުންނެވެ. އދގެ ޢާންމު މަޖިލީހުން ވެސް ވަނީ އައިސީސީއަށް ރުހުން ދީފައެވެ. ނަމަވެސް, އެއީ މިނިވަން, މުސްތަޤިއްލު ކޯޓެކެވެ.

އައިސީސީގެ ނިންމުންތަކާއި ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތް ނަމަވެސް, އައިސީސީގެ މެންބަރު ޤައުމުތަކުގެ މައްޗަށް އެ ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒު ކުރުން ލާޒިމު ކުރެއެވެ. ނަމަވެސް, އެ ކޯޓުގެ އަމުރުތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ތަންފީޒު ކުރެވެމުން ނުދާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.