ރާއްޖޭގައި ވެލާ ކަހަނބު އާލާކާކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ނައިފަރު ޖުވެނައިލް ޖަމްޢިއްޔާއިން މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ ވެލައާއި ކަހަނބު ޙިމާޔަތްކޮށް އޭގެމާޙައުލަށް ދޫކޮށްފިކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.
ވެލައާއި ކަނހަބު ހިފުމާއި މެރުން ހުއްޓާލުމުގެ އިތުރަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވެލައަށް ގެއްލުމެއް ލިބިދާނެ ކަންކަމުން ދުރުހެލިވުމަށާއި އަދި ވެލައާއި ކަހަނބު އާލާކޮށް އިތުރުކުރުމަށް ދިވެހިންގެ އެތައް ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތައް ހިމެނެއެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްޖަމްޢިއްޔާއަކީ ނައިފަރު ޖުވެނައިލްއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު އެޖަމްޢިއްޔާއިން އަންނަނީ ދެހާސް ބާރަވަނަ އަހަރުން ފެށިގެން ނައިފަރުގައި ވެލާއާއި ކަހަނބު އާލާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ކުރުމަށް މެރިން ސެންޓަރުގެ ނަމުގައި ސެންޓަރެއް ޤާއިމްކޮށް ވެލައާއި ކަހަނބު ބޮޑުކޮށް، ރަނގަޅަށް ގެންގުޅެވޭނެ ވަޞީލަތް، މި ސެންޓަރގައި ޤާއިމްކޮށްފައިވެއެވެ. ނައިފަރު ޖުވެނައިލްގެ ވައިސް ޗެއަރޕާސަން މުޙައްމަދު އަޙުމަދު ވިދާޅުވީ، އެޖަމްޢިއްޔާއިން މި މަސައްކަތް ފެށިފަހުން މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ ވެލައާއި ކަހަނބު، ރައްކާތެރިކަމާއެކު ބަލަހައްޓައި އަމިއްލައަށް އުޅެވޭވަރުވުމުން އޭގެ މާޙައުލަށް ދޫކޮށްލާފައިވާނެކަމަށެވެ.
img:http://s1.psmnews.mv/images/660x400/14652291321690.jpg|ޓަރޓްލް ފެސްޓިވަލްގެ ތެރެއިން / ފޮޓޯ: ނައިފަރު ޖުވެނައިލް ކްލަބް
ވެލައާއި ކަހަނބު ޙިމާޔަތްކޮށް، ރައްކާތެރިކުރުމާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކުރުމުގެ ގޮތުން އެޖަމްޢިއްޔާއިން ވަނީ މިމަހުގެ ކުރީކޮޅު "ޓާރޓްލް ފެސްޓިވަލް" ގެ ނަމުގައި ފެސްޓިވަލްއެއް ބާއްވާފައެވެ. ރާއްޖޭގެ ތިމާވެށީގެ ދާއިރާގައި ޙަރަކާތްތެރިވާ އިދާރާތަކާއި ދުނިޔޭގެ ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޖަމާޢަތްތަކުގެ އެއްބާރުލުމާއެކު ބޭއްވި މި ފެސްޓިވަލްއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވެލައާއި ކަހަނބުގެ ނަސްލު ޙިމާޔަތްކުރުމަށް މަސައްކަތްކުރަން ޝައުޤުވެރިވާނެ ދަރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭއްވި ފެސްޓިވަލެކެވެ.
ވެލަޔާއި ކަނބަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ބާވަތެކެވެ. މި ބާވަތް ޙިމާޔަތްކުރެވިފައިވަނީ މިކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢީދުތަކުގެ ދަށުންނެވެ. މިކަމުގެ ބޭނުމަކީ މި ބާވަތްތައް ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް މަދުވަމުން ދިއުމާއެކު ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މި ބާވަތްތައް ޙިމާޔަތްކުރުން މުހިންމުވެފައިވާތީއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަން ތަރައްޤީކުރެވިފައިވާ ޤައުމަކަށްވެފައި، ވެލާއާއި ކަހަނބަކީ ފަތުރުވެރިންގެ ޝައުޤު ބޮޑު ހަމަ އެހެންމެ މި ބާވަތް ހިފުމާއި މެރުމަށް ފަތުރުވެރިން ނުރުހޭ ބާވަތަކަށްވުމަކީވެސް ވެލަޔާއި ކަހަނބު ރާއްޖޭގައި ޙިމާޔަތްކުރުން މުހިންމުވެފައިވާ ސަބަބެކެވެ.