ވިޔަފާރި

މާރުކޭޓުގައި ފަރުމަހުގެ ޑިމާންޑް ބޮޑުވެފައި


އަހަރުގެ އެހެން ދުވަސްތަކާ ޚިލާފަށް ރޯދަމަހު މާލޭ މަސްމާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑު ބާވަތްތަކަކީ ފަރުމަހުގެ ބާވަތްތަކެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހަށް ބަލާއިރު ގިނަ ވަގުތުތަކުގައި މަސްމާރުކޭޓްގައި ފަރުމަހުގެ ބާވާތްތައް އެއްގޮތަކަށްވެސް ލިބެން ނުހުންނަ ވަގުތުތައް ފާހަގަކުރެވިފައިވެއެވެެ. ފަރުމަސް ގެންނާނެ ގަޑިއަކަށް ގިނަ ބަޔަކު ކިޔުގައި ތިބޭ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. މާރުކޭޓުން ފަރުމަސް ލިބޭ ވަގުތުތަކުގައި މަސްވިއްކަމުން އަންނަ އަގުތަކަށް ބަލާއިރު އާދައިގެ ރަތްމަހެއް ވިއްކާފައިވަނީ ދުއިސައްތަ ރުފިޔާއަށްވުރެ އަގުބޮޑުކޮށެވެ. ނޫލަނޑާ ފަދަ ލަނޑައެއް ސަތޭކަ ފަންސާހަށް ވިއްކާއިރު އާދައިގެ ގިނިމަހެއް ވިއްކީ ފަންސާސް ރުފިޔާއަށެވެ. އަދި މާރޮނޑެއް އަށްޑިހައަށް ވިއްކިއިރު ބަތްޕޮޅިމަސް ވިއްކީ ސަތޭކައަށްވުރެ އަގުބޮޑުކޮށެވެ. 

img:http://s4.psmnews.mv/images/660x400/14662558929626.jpg|ދިވެހިން އާއްމުކޮށް ފަރުމަސް ކަނީ ފިހެގެން

މީގެއިތުރުން ދިވެހިން ޢާންމުކޮށް ކެއުމަށް ބޭނުންނުކުރާ ފަރުމަހުގެ ބައެއް ބާވަތްތައްވެސް މާލޭ މަސްމާރުކޭޓުގައި ވިއްކަން ހުރެއެވެ. މާރުކޭޓްގައި މަސްވިއްކާ ފަރާތްތަކުން ބުނާގޮތުގައި މި ދުވަސްވަރު ފަރުމަސް ނުލިބެނީ ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ރޯދަމަހު ޗުއްޓީ ނެގުމާ ގުޅިގެނެވެ. އަދި ފަރުމަސް ބާނަންދާ މަދު ފަރާތްތަކަށްވެސް އެކަށީގެންވާ ވަރަށް މި ދުވަސްވަރު މަސް ނުބޭނޭކަމަށް މަސް ވިއްކާ ފަރާތްތަކުން ފާހަގަކަކުރެއެވެ.

މަސްމާރުކޭޓްގެ އިތުރުން މާލޭ މަސްވިއްކާ ފިހާރަތަކަށްވެސް މިދުވަސްވަރު ފަރުމަސް ލިބުން ދަތިވެފައިވާކަމަށް އެފިހާރަތަކުން ބުނެއެވެ. ފަރުމަސް ލިބުން ދަތިވުމާއެކު ބައެއް ފިހާރަތަކުން ފަރުމަސް ކިލޯއެއް ވިއްކަނީ ސަތޭކަ ފަންސާސް ރުފިޔާއަށެވެ.