ޚަބަރު

ކެއުން ބުއިމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން


ރޯދަމަހަކީ، މުސްލިމުންގެ ދިރިއުޅުމުގެ ޢާންމު އުޞޫލުތަކަށް ބޮޑެތި ބަދަލުތައް ގެނެވޭ މައްސަރެކެވެ. ޚާއްޞަކޮށް ކެއިން ބުއިމުގެ ގަޑިތަކާއި އާދަތަކާއި އަދި ބޭނުންކުރެވޭ ކާބޯތަކެތީގެ ބާވަތަށް ބޮޑެތި ބަދަލު އަންނަ މަހެކެވެ. އެހެންނަމަވެސް ރޯދަމަހުވެސް ކައިބޮއެ އުޅެންވާނީ ޞިއްޙީ ގޮތުން އެމީހަކަށް އެންމެ ރަނގަޅުވާނެ ގޮތްތަކަށް އިސްކަންދީގެންކަން ޞިއްޙީ ޚިދުމަތްތެރިން ފާހަގަކުރައްވައެވެ.

ޢާންމުކޮށް އެހެންމަސްމަހާ އަޅާބަލާއިރު ރޯދަމަހު ގާތްގަނޑަކަށް ބާރަ ނުވަތަ ސާދަ ވަރަކަށް ގަޑިއިރު ނުކައިހުރުމުން ހަށިގަނޑުން ހަކަތަ މަދުވެއެވެ. އެވަގުތުތަކުގައި ހަމައެކަނި ހަކަތަ ހުންނަނީ ސިކުނޑިއާއި ހިތާއި، ފުއްޕާމޭފަދަ ގުނަވަންތަކުގައެވެ. ގޮހޮރުފަދަ ގުނަވަންތަކުން ހަކަތަ ހުސްވެއެވެ. އެހެންކަމުން ރޯދަ ވީއްލާއިރު ފުރަތަމަ ބޭނުންކުރާ އެއްޗަކަށް ވާންވާނީ ގޮހޮރުގެ މަސައްކަތްތައް ފަށައިގަންނަ އަދި ހަކަތަ ލިއްބައިދޭ އެއްޗަކަށްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. 

img:http://s1.psmnews.mv/images/660x400/14662550225448.jpg|ފިހުނު މަސްތަކެއް / ތެލުލުމުގެ ބަދަލުގައި މަސް ފިހެގެން ބޭނުންކުރުމުން ފައިދާ ބޮޑު

ރޯދަމަހު އާދަކާދަ ހުންގޮތަށް ބަލާއިރު، ރޯދަ ވީއްލާ ނިމޭއިރު މަދުވެގެން ދެތަށި ފަނި ޢަންމުކޮށް ކޮންމެ މީހަކަށްވެސް ބޮވެއެވެ. ކޮންމެ ދުވަހަކު މިފަދަ ބުއިންތަކުގެ ސަބަބުން ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަކުރު ހަށިގަނޑަށް ޖަމާވެގެންދެއެވެ. ރޯދަ ވީއްލާ ވަގުތުގައިވެސް ޢާންމުކޮށް ތެލުގެ ބާއްވާތްތައް ބޭނުންކުރެވޭލެއް އިތުރުވެއެވެ. ވިސްނާ ނުލާ ތެލުގެ ބައިތައް ގިނައިން ބޭނުންކުރެވޭނަމަ ރޯދަ މަސް ނިންމެންވާއިރު ހަށިގަނޑަށް ސަރުބީގެ އެތައް އިންސަތައެއް އިތުރުވެގެންދެއެވެ. މީގެ އިތުރުން ރޯދައަށް ހުރުމަށްފަހު ބައެއް ފަރާތްތަކުން އެނާޖީ ޑްރިންކުފަދަ ބުއިންތައް ބޭނުންކުރާކަމީވެސް ފާހަގަކޮށްލަންޖެހޭކަމެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިބުނުނަމަވެސް ވަރަށް ބޮޑަށް ނޭދެވޭ މާއްދާތައް އިތުރުވެ ބޮޑެތި ގެއްލުންތަކެއް ހަށިގަނޑަށްލިބެއެވެ.

img:http://s4.psmnews.mv/images/660x400/14662551482272.jpg|ތަރުކާރީއާއި ފަލަމަޑީގެ ބާވާތްތައް އިތުރުކުރުން މުހިއްމު

އެހެންކަމުން ރޯދަ ވީއްލާ ގަޑީގައި ފަނީގެ ބަދަލުގައި ތިނެއް ނުވަތަ ފަސް ކަދުރުން ރޯދަ ވީއްލުން މުހިންމު ކަމަށް އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ ޢަބްދުއްރަޙްމާން ފާހަގަކުރެއްވިއެވެ. އަދި ރޯދަ ވީއްލައިގެން ވަގުތުކޮޅަކަށްފަހު މައިގަނޑު ކެއުން ކެއުމަށް އިސްކަން ދިނުމަށް އެދިވަޑައިގެންނެވިއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައް ލިބިގެން ދިއުމުގެ އިތުރުން ލިބޭނެ ފައިދާ ޑައިޓިޝަން ފާހަގަކުރެއްވިއެވެ. އާސިއާ ވިދާޅުވީ، ހަކުރާއި ތެޔޮ އެކުލެވޭ ކާނާ ތަރާވީހު ގަޑިއާއި ހާރު ކެއުމަށް ބޭނުން ކުރުމުގެ ބަދަލުގައި، ގޮވާމާއި ފަލަމަޑި އަދި ތަރުކާރީގެ ބާވަތްތަކާއި މަހުގެ ބާވަތްތައް އެކުލެވޭ ކާނާ ކެއުމަށް އިސްކަން ދޭންޖެހޭކަމަށެވެ. އަދި ހާރު ކާ ގަޑީގައިވެސް ލަސްކޮށްލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ޕޮޓޭސިއަމް ބައި އިތުރު ކާނާ ކެއުމުން ދުވާލު ގަޑީގައި ފެން ބޮވާލެއް މަދުވާނެކަން ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ރޯދާމަހު ފޮނި ކާތަކެތި މަދުކޮށް ތެލުގެ ބާވަތުން ހަދާ ތަކެތި މަދުކޮށް ހެދިކާގެ ބާވަތް ތައްޔާރުކުރާ ފިހުނު އެއްޗެހި ހިޔާރުކުރުން މުހިންމެވެ. އެހެންނޫން ނަމަ ރޯދަ މަހާއެކު ހަށިގަނޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.