ޚަބަރު

"ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރުމުގެ ކެމްޕެއިން ކާމިޔާބު"


ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ސޮއިކުރެއްވުމަށް ހިންގަވާ ކެމްޕެއިން ކާމިޔާބުކަމަށާއި، މިއަހަރަށް ކަނޑައެޅުއްވި އަމާޒު މިހާރުވެސް ޙާޞިލްކުރެވިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން މިހާތަނަށް ދިހަހާސް ހަސަތޭކައަށްވުރެ ގިނަ މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ.

ނަޒާޙަތްތެރިކަމުގެ ވަޢުދުގެ ނަމުގައި ދައުލަތުގެ މުއްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ސޮއިކުރާގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަނުން 2012 ވަނަ އަހަރު ފެއްޓެވި ކެމްޕެއިންގެ ތެރޭގައި ހިމަނުއްވައިގެން ކެމްޕެއިންގެ ނަން "ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދު" މިނަމަށް ބަދަލުކުރައްވައި މި ކެމްޕެއިން އެ ކޮމިޝަނުން ފެއްޓެވީ ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ތެރޭގައެވެ. ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުވުމުގެ ބޭނުމަކީ، ދައުލަތުގެ މުއައްޒަފުން ޒިންމާދާރުކުރުމާއި، ނަޒާޙަތްތެރިވުމަށް ބާރުއެޅުއްވުމާއި، ދައުލަތުން ދެއްވާ ޚިދުމަތް އިންސާފުވެރިކަމާއެކު، ދިނުމުގައި ދެފުށްފެންނަގޮތަކަށް ކަންކަން ކުރުމަށް ހަނދާންކޮށްދެއްވައި އެކަމަށް ބާރުއެޅުއްވުމެވެ. އަދި ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތެއްގެމަތިން ކުރުމަށް މުވައްޒަފުންނަށް ހަނދުމަކޮށްދެއްވުން ނުވަތަ ބާރުއެޅުއްވުމެވެ. ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަޒާޙަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކުރުމުގެ ފުރުޞަތުއޮވެއެވެ.

img:http://s2.psmnews.mv/images/660x400/2605.jpg|ހދ. ކުޅުދުއްފުށީގައި ނަޒާޙަތްތެރިކަމުގެ ބިނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-

އިސްލާމިކް އެފެއަރޒް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ހިމެނޭހެން ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ބައެއް މިނިވަން މުއައްސަސާތައް ހިމެނޭހެން މާލެއިން ހަތް އިދާރާއަކުން މިވަޢުދުގައި ވަނީ ސޮއިކޮށްފައެވެ. އަދި މިހާރުވެސް ދިހަ ވަރަކަށް މުއައްސަސާއެއްގެ މުވައްޒަފުން ވަޢުދުގައި ސޮއިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. އޭސިސީގެ އެޑިއުކޭޝަން އޮފިސަރ ޢަލީ ޝަމީމް އާދަމް ވިދާޅުވީ، އޭސީސީން ހިންގަވާ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށުގެ އިދާރާތަކުގެ މުވައްޒަފުން ޤައުމީ ވަޢުދުގައި ސޮއިކުރައްވާފައިވާކަމަށެވެ.

ޢަލީ ޝަމީމް ވިދާޅުވީ، ނަޒާޙަތްތެރިކަން މުވައްޒަފުންގެ މެދުގައި އަށަގެންނެވުމަށް ހިންގަވާ ކެމްޕެއިނަށް މިއަހަރު ކަނޑައަޅުއްވާފައިވާ އަމާޒު ޙާޞިލުވެފައިވާކަމަށާއި، ކެމްޕެއިން ކާމިޔާބުކަމަށެވެ.

އޭ.ސީ.ސީން ވިދާޅުވީ، ނަޒާޙަތްތެރިކަމުގެ ވަޢުދުގައި މުއައްޒަފުން ސޮއިކުރުމަށް އެކޮމިޝަނުން ހިންގަވާ ކެމްޕެއިނަކީ 2 އަހަރުން ނިންމަވާ ގޮތަށް ފެއްޓެވި ކެމްޕެއިނެއް ނަމަވެސް މުވައްޒަފުން އެކިއެކި އިދާރާތަކަށް ވަންނަމުންދާ ވަރަކުން ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރުމަކީ އެކޮމިޝަނުގެ އަމާޒުކަމަށެވެ. އެގޮތުން ސަރުކާރުގެ ވަޒީފާއަށް ވަންނަ ކޮންމެ ފަރާތަކުންވެސް ވަޒީފާލިބުމާއެކު ވަޢުދުގައި ސޮއިކުރެވޭ ގޮތަށް ކަމާގުޅުން ހުރި ވުޒާރާތަކާ މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އެކޮމިޝަނުގެ އެޑިޔުކޭޝަން އޮފިސަރ ވިދާޅުވިއެވެ.

ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދާއިރު، މި ވަޢުދުގައި ސޮއިކުރާ ހުރިހާ ފަރާތްތަކުގެ ނަމާއި، މަޤާމް އަދި މަސައްކަތްކުރާ އޮފީސް އެނގޭ ގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓުން ފެންނާނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާކަމަސް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ.