ޚަބަރު

ލިޔެކިއުންތައް ޑިޖިޓަލައިޒް ކުރުމަށް ރޮބޮޓިކް ސްކޭނަރެއް ގެންނަނީ


ދިވެހި ތާރީޚީ ފޮތްތަކާއި، މުހިންމު އެކިއެކި ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެއްވުމަށް ފުރަތަމަ ފަހަރަށް ރާއްޖެއަށް ތަޢާރަފްކުރައްވާ ރޮބޮޓިކް ސްކޭނަރ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެކަމަށް ޤައުމީ އަރުޝީފުން ހާމަކުރައްވައިފިއެވެ.

މިއީ ގަޑިއިރެއްހާއިރު ތެރޭގައި އޭގައިވާ ޚާއްޞަ އޮޓޮމެޓިކް ބައިތަކުގެ އެހީގައި 2500 ޞަފުޙާ ސްކޭންކުރުމުގެ ޤާބިލުކަން ލިބިފައިވާ ސްކޭނަރެކެވެ.

ދިވެހި ތާރީޚީ އަދި އާސާރީ ފަތްފުށްތައް އަބަދަށް ރައްކާތެރި ކުރުމަށްޓަކައި، ހިންގަވާ ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން ޕްރޮގްރާމްގެ ދަށުން މީގެ ޒަމާންތަކެއް ކުރީގައި ލިޔެވިފައިވާ ދައުލަތުގެ ލިޔެކިޔުންތަކާއި، މުހިންމު ފަތްފުށްތައް ރައްކާތެރިގޮތުގައި ޙިމާޔަތްކުރައްވައި، ކުރިއަށް އޮތްތާނގައި ފެންނާނެ ގޮތަށް ބެހެއްޓެވުމަށް ބޭނުންވާ ފަންނީ އާލާތްތައް ހޯއްދެވުމުގެ މަސައްކަތް ޤައުމީ އަރުށީފުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، މިތަކެތި ރައްކާތެރިކޮށް ބެލެހެއްޓެވުމަށް ލެބޯޓްރީއެއް ގާއިމް ކުރައްވައި ޚާއްސަ ޒަމާނީ ފެންވަރުގެ ސާމާނު ޤައުމީ އަރުޝީފުން މިހާރު މިވަނީ ހޯއްދަވާފައެވެ. 

އެގޮތުން މިމަސައްކަތް ފެއްޓެވުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ، އޮސްޓްރޭލިޔާގެ ކިޑެނަސް ޓެކްނޮލޮޖީސްގެ އުފެއްދުމެއްކަމުގައިވާ ރޮބޮޓިކް ސެކޭނަރެވެ. 3 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރައްވައިގެން ޤައުމީ އަރުޝީފަށް ގެންނަވާ މި ރޮބޮޓިކް ސެކޭނަރ ބޭނުންކޮށްގެން ގަޑިއެއްގެ އިރުތެރޭގައި 2500 ޞަފްހާ ސްކޭން ކުރެވޭނެކަމަށް އެ ފަރާތުން މަޢުލޫމާތުދެއްވައެވެ. 

img:http://s4.psmnews.mv/images/660x400/14655057122017.jpg|ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ކޮޕީ- ފޮޓޯ: ޕިއެސްއެމް

މި ސްކޭނަރަށް ފޮތް ލެއްވުމުން އޭގައިވާ ރޮބޮޓިކް ހޭންޑްގެ އެހީގައި ގަނޑުތަށް ވަކިވަކިން ސްކޭންކުރެއެވެ. މި ސްކޭނަރގައި ބޭނުންކުރާ ސޮފްޓްވެއަރ އިން ޑޮކިއުމަންޓް ކެޕްޗަރކޮށް ބޭނުންވާ ގޮތަކަށް އެޑޮކިއުމެންޓްތައް ޓެގްކުރުމާއެކު ހޯދާލެވޭ ފަންކްޝަނެއްވެސް ހިމެނެއެވެ. އޭ ޓޫ ސައިޒްގެ ފޮތްތަކާއި ލިޔުންތައްވެސް ސްކޭން ކުރެވޭ މި ރޮބޮޓިކް ސެކޭނަރ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޢަބްދުﷲ ސަމީރު ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މިހާރު ބޭނުންކުރަން ފަށާފައިވާ މި ރޮބޮޓިކް ސެކޭނަރ ރާއްޖެއާ އަވައްޓެރި ޤައުމުތަކަށްވެސް ތަޢާރަފްވެގެންދިޔައީ ދާދިފަހުންނެވެ. 

ޤައުމީ އަރުޝީފުގެ ސީ.އީ.އޯ މުޙައްމަދު ޝާތިރު ވިދާޅުވީ، މި ރޮބޮޓިކް ސެކޭނަރަކީ މުޅި ދައުލަތަށް އަދި ހަމަ އެހެންމެ މުޅި ޤައުމަށް ކުރެވޭ ބޮޑު އިންވެސްޓްމެންޓެއްކަމަށެވެ. އެގޮތުން ވަކި މުއައްސަސާތަކަށް މިމެޝިން ހޯދުމުގެ ބަދަލުގައި މަރުކަޒީކޮށް ޤައުމީ އަރުޝީފުން ހުރިހާ ވުޒާރާއަކަށް މި ސެކޭނަރުގެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14655057368097.jpg|ތާރީޚީ ފޮޓޯ ތަކެއް- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ތާރީޚީ ވަރަށް ގިނަ ފަތްފުށްތައް ހަލާކުވަމުންދާކަމަށާއި، މިފަދަ ދުވަސްވީ ފަތްފުށްތައް ބަލަހައްޓަން އެންމެ އެކަށީގެންވާ ރޯލިންގ ފައިލިންގ ސިސްޓަމެއްވެސް އޯޑަރުކުރައްވާ މިހާރު ގެންނެވުމުގެ މަގުމަތީގައިވާކަމަށް ޤައުމީ އަރުޝީފުން ވިދާޅުވެއެވެ.

މުސްތަޤުބަލުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބެގެން، ރާއްޖޭގެ ސަގާފީ އަދި ތާރީޚީ މުހިންމު ލިޔުންތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ މަޢުލޫމާތު ޙިއްޞާކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ދިވެހި ޤައުމީ ޑިޖިޓަލް އާކައިވެއް ޤާއިމްކުރެއްވުމަށް ޤައުމީ އަރުޝީފުން މަސަކަތް ކުރައްވާއިރު، މި މަސައްކަތް، ކުރިއަށް އޮތް ތިން އަހަރަށް ޤައުމީ އަރުޝީފުން ކަނޑައަޅުއްވާފައިވާ ސްޓްރެޓީޖިކް ޕްލޭން ނިމިގެންދާއިރު، ފުރިހަމަ ވެގެންދާނެކަމަށް އެ ފަރާތުން ހާމަކުރައްވައެވެ. ކަމުގެ ތަޖުރިބާކާރު ބޭފުޅަކު ކޮންސަލްޓަންޓެއްގެ ގޮތުގައި ބައިވެރި ކުރައްވައިގެން ކުރިއަށްގެންދަވާ މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ޑިޖިޓައިޒް ކުރައްވަން ފައްޓަވަނީ ފިނޭންސް މިނިސްޓްރީގެ ލިޔެކިޔުންތައްކަމަށް ޤައުމީ އަރުޝީފުން މަޢުލޫމާތުދެއްވައެވެ.