ޚަބަރު

އުއްމީދު: ކުށުގެ ވެށީގައި އުޅޭ ކުދިން އިޞްލާޙުކުރުމުގެ ޕްރޮގްރާމް


ކުޑަކުދިންގެ ތެރެއިން އަޚްލާޤީ މައްސަލަތައް ހުންނަ ކުދިންނާއި މައިންބަފައިންގެ އިހުމާލުންނާއި އެހެނިހެން ގޮތްގޮތުން މަގުމަތިވާ ކުދިން އިޞްލާޙުކުރެއްވުމަށް ކުރިން އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވާ އެއް ތަނަކީ އިޞްލާޙިއްޔާއެވެ. އެއަށްފަހު އެތަނުގެ ނަން ތަޢުލީމާ މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވުމަށްފަހު މިފަދަ ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގަންނައިދެއްވައިގެން އަނބުރާ މުޖުތަމަޢަށް ގެނައުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވެއެވެ. ސަރުކާރުން އަނެއްކާވެސް މިހާރު މިވަނީ މުޅިން އާ ޕްލޭނެއްގެ ދަށުން ކުށުގެ ވެށީގައި އުޅޭ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްތަކެއް ފަށްޓަވާފައެވެ. 

މިފަހަރު ޢަމާޒު ހިއްޕަވާފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި، އެކި ކަހަލަ ކުށުގެ މައްސަލަތައް އޮތް، އަށާރަ އަހަރުން ދަށުގެ ކުދިން އިސްލާޙްކުރެއްވުމަށް އެކުދިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގެވުމަށެވެ. "އުންމީދު" މި ނަމުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާ އަދި ކަމާބެހޭ މުޢައްޞަސާތައް ގުޅިވަޑައިގެން މިހާރުވަނީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ހިންގެވުމަށް ދ ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނުދޭ މަރުކަޒަށް އެކާވީސް ކުއްޖަކު ގެންގޮސްފައެވެ. މި ކުދިންނާއެކު މިކުދިންނަށް ތަމްރީނު ދިނުމަށް 27 ޓްރެއިނަރުންވެސް ވަނީ އެ ރަށަށް ގޮސްފައެވެ. ދެ މަސްދުވަހުގެ މި ޕްރޮގްރާމްގެ ދަށުން މި ކުދިންނަށް ކަސްރަތާއި ތަޢުލީމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އަދި އަޚްލާޤު ރަނގަޅުކުރުމުގެ ތަމްރީނުތަކެއް ދެއްވާނެކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެއަށްފަހު މިކުދިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޮނުވައިގެން މަސައްކަތް ދަސްކޮށްދެއްވާ އަދި ވަޒީފާ އަދާކުރުމުގެ ފުރުޞަތުވެސް ފަހިކޮށް ދެއްވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ކުށުގެ ވެށިން ނަގާ އިތުރުކުދިން މި ޕްރޮގްރާމުގައި ބައިވެރިކުރައްވާނެކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް ކާމިޔާބުކަމާއިއެކު ހިންގެވުމަށް އެފަދަ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.