ޚަބަރު

ޙުސައިން މުޙައްމަދު ދީދީގެ ޖަނާޒާ ބާއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައާއި ރިޔާސީ ގަނޑުވަރުގައި މުހިންމު މަޤާމުތަކެއް ފުރުއްވި އަދި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ރޮނގުން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ގަލޮޅު ޝަބްނަމް ލޮޖް، އަލްފާޟިލް ޙުސައިން މުޙައްމަދު ދީދީގެ ޖަނާޒާ ބާއްވައިފިއެވެ.

ޙުސައިން މުޙައްމަދު ދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އިމާމްވެ ކަށުނަމާދުކުރެއްވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

img:http://s4.psmnews.mv/images/660x400/14662457934324.jpg|އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީގެ ޖަނާޒާގެ ތެރެއިން

ޙުސައިން މުޙައްމަދު ދީދީ އަވަހާރަވީ، މިދިޔަ ހޯމަދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 67 އަހަރެވެ. އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީއަކީ، 23 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޙުސައިން މުޙައްމަދު ދީދީ ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި މަސައްކަތްތެރިކަމުގެ ރޮނގުން 1990 ވަނަ އަހަރު ސަރުކާރުން ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. ޙުސައިން މުޙައްމަދު ދީދީއަކީ ގަސް އިންދައި، ގަސް ހެއްދުމުގެ ރޮނގުންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ބޭފުޅެކެވެ.  

ޙުސައިން މުޙައްމަދު ދީދީއަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ބޮޑުބޭބޭފުޅެކެވެ. އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީ އަވަހާރަވިއިރު އަނބިކަނބަލަކާއި 2 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.