އެންބީއޭގެ ތާރީޚުގައި އެންމެ ގިނައިން ތްރީ-ޕޮއިންޓް އެއްކުރި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ލޮސް އެންޖެލަސް ކްލިޕަރސްގެ ޝޫޓިން ގާޑް ޖޭމްސް ހާޑަން ޖެހިލައިފިއެވެ.
އުމުރުން 35 އަހަރުގެ ހާޑަން މި ލިސްޓުގެ ދެވަނައަށް ޖެހިލީ އާދީއްތަ ދުވަހު ކެލިފޯނިއާގައި ޔޫޓާ ޖޭޒްއާ ދެކޮޅަށް ކްލިޕާސް ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައެވެ. މި މެޗުން ކްލިޕަރސް 116 ޕޮއިންޓް 105 ޕޮއިންޓުން މޮޅުވިއިރު، ހާޑަން ވަނީ 20 ޕޮއިންޓާއެކު، 11 އެސިސްޓް އަދި ހަ ރީބައުންޑް ނަގައިފައެވެ.
އެގޮތުން، އެ މެޗުގެ ފުރަތަމަ ކުއާޓާ ނިމެން 6 މިނެޓު ނުވަ ސިކުންތު ބާކީ އޮއްވައި ހާޑަން ޖެހި ފުރަތަމަ ތްރީ-ޕޮއިންޓުން އޭނާގެ ކެރިއަރުގައި ޖަހާފައިވާ ތްރީ-ޕޮއިންޓުގެ އަދަދު 2974 އަށް އަރައި، މެޗު ފެށިއިރު ރޭ އެލަންއާ އެއްވަރުވެފައި އޮތް އޮތުން ނިމުމަކަށް ގެނައެވެ. މިވަގުތު މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 3782 ތްރީ-ޕޮއިންޓާއެކު ގޯލްޑަން ސްޓޭޓް ވޯރިއަރސްގެ ޕޮއިންޓް ގާޑް ސްޓެފަން ކަރީއެވެ.
އާދިއްތަ ދުވަހުގެ މެޗަށް ނިކުތްއިރު ހާޑަން ވަނީ އެންބީއޭގައި މިހާތަނަށް ހޭދަކުރީ 16 ސީޒަންގައި މުޅިއެކު 36.3 އިންސައްތަ ތްރީ-ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި، މިހާރު ކުޅެމުން އަންނަ ކްލިޕަރސްގެ އިތުރުން އޮކްލަހޯމާ ސިޓީ ތަންޑަރ އާއި، ހިއުސްޓަން ރޮކެޓްސް އާއި، ބްރޫކްލިން ނެޓްސް އަދި ފިލަޑެލްފިއާ 76އަރސް އަށް ކުޅެފައެވެ. މީގެތެރެއިން، އޭނާ އެންމެ ދިގު މުއްދަތަކަށް ކުޅެފައިވަނީ ރޮކެޓްސް އަށެވެ. އެ ޓީމަށް ވަނީ 2012 އިން ފެށިގެން 2020 އާ ހަމައަށް ކުޅެފައެވެ.
2009 ވަނަ އަހަރު އެރިޒޯނާ ސްޓޭޓުން ތަންޑަރ އަށް ތިންވަނަ ކުޅުންތެރިޔާގެ ގޮތުގައި އެންބީއޭ އަށް ޑްރާފްޓްކުރެވުނު ފަހުން ހާޑަން ވަނީ 1085 މެޗުގައި އެވްރެޖްކޮށް 24.1 ޕޮއިންޓް އެއްކޮށްފައެވެ.
ކްލިޕަރސް އާއެކު ހާޑަން ހޭދަކުރާ ދެވަނަ ސީޒަނުގައި މިހާތަނަށްއައިއިރު އޭނާގެ ޕޮއިންޓް އެވްރެޖް އުޅެނީ 20.6 ގައެވެ. އަދި، 7.9 ގައި ރީބައުންޑް އެވްރެޖް އުޅޭއިރު، އެސިސްޓްގެ އެވްރެޖަކީ 8.5 އެވެ.
ހާޑަން ވަނީ އެމެރިކާގެ ބާސްކެޓްބޯޅަ ޓީމާއެކު 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑެލް ހާސިލްކޮށްފައެވެ. އޭގެ ދެ އަހަރު ފަހުން ބޭއްވުނު 2014 ވަނަ އަހަރުގެ ފީބާ ވޯލްޑް ކަޕްގެ ރަން މެޑެލް އޭނާގެ ކެޕްޓަންކަމުގައި އެމެރިކާ އިން ކާމިޔާބުކުރިއެވެ.