ލިވަޕޫލަށް ކުޅެމުން އަންނަ މިސްރު ފޯވާޑް މުޙައްމަދު ސަލާހުގެ ބަދަލުގައި، ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ ތަރި ރަޔާން ޝެރްކީ ގެނައުމަށް އެ ކުލަބުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ސަލާހު، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެއްނުވެއެވެ.
މިއާއެކު، ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ސަލާހު އަށް އެހެން ކްލަބުތަކާއެކު މަޝްވަރާތައް ބޭއްވުމުގެ ދޮރު ހުޅުވިގެންދާއިރު، އޭނާ ސަޢުދީ ޢަރަބިއްޔާގެ ކްލަބަކަށް ބަދަލުވުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަލާހު އަކީ މިދިޔަ އަހަރުތަކުގައި ލިވަޕޫލުން ހޯދާފައިވާ ކާމިޔާބީގެ އެންމެ ހިއްސާ ބޮޑު އެއްކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ލިވަޕޫލަށް ކުޅުނު 11 މެޗުގައި އަށް ލަނޑުޖަހައިފައެވެ. މިއާއެކު، ލިވަޕޫލަށް މިވަގުތު ތާވަލްގެ އެއްވަނަ މަގާމު ހޯދައިދިނުމުގައި ސަލާހުގެ ދައުރު ވެސް ބޮޑެވެ.
މިހާރު އުމުރުން 21 އަހަރުގެ ޝެރްކީ ވަނީ އެންމެ ފަހުގެ އޮލިމްޕިކްސްގެ ރިހި މެޑެލް ހާސިލްކުރި ފްރާންސްގެ 23 އަހަރުން ދަށުގެ ޓީމުގައިވެސް ހިމެނިފައެވެ. ފޯވާޑްލައިންގެ ގިނަ މަގާމުތަކަށް ކުޅެވޭ މި ކުޅުންތެރިޔާ ވަނީ މިހާތަނަށް ލިޔޯންގެ ސީނިއަރ ޓީމަށް 152 މެޗުގައި 19 ލަނޑުޖަހައިދީ، އިތުރު 28 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.
އެހެންކަމުން، ސަލާހު ނެތް ހާލަތެއްގައި ބަދަލުގައި ކުޅުންތެރިއަކު ހޯދުމަށް ލިވަޕޫލުން ކުރާ މަސައްކަތުގެ ތެރެއިން އެމަގާމަށް ޝެރްކީ ގެނައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
މީގެއިތުރުން، ފްރާންސްގެ ކުލަބުތަކުގެ މާލީ ކަންކަން ބަލަހައްޓާ ޑީއެންސީޖީ އިން ލިޔޯން އަށް ވަގުތީގޮތުން ފުރަތަމަ ޑިވިޝަނުން ރެލިގޭޓްކުރުމުގެ އަދަބުދިނުމަށް ނިންމާފައިވާއިރު، ގިނަ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން ރަނގަޅު އާމްދަނީއެއް ހޯދުމަށް އެ ކްލަބުން ވިއްކާލަފާނެ ކުޅުންތެރިންގެ ތެރޭގައި ޝެރްކީގެ ނަން ހިމަނައިފައެވެ.
އެހެންނަމަވެސް، ޝެރްކީގެ ސޮއި ހޯދުމުގެ ލިވަޕޫލަށް ފަސޭހަނުވާނެ ކަމަށާއި، އެކަމުގައި ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީއާ ވާދަކުރަން ޖެހޭނެ ކަމަށް ވެސް ފަހުގެ މީޑިއާ ހަބަރުތައް ބުނެއެވެ.
ލިޔޯން އާއެކު ޝެރްކީ ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިގެންދާއިރު، މި ސީޒަނަށްފަހު އޭނާ އެ ކްލަބުގައި މަޑުކޮށްފިނަމަ މި އެއްބަސްވުން އިތުރު އަހަރަކަށް އިތުރުކުރެވޭނެ މާއްދައެއް ކޮންޓްރެކްޓްގައި ހިމެނިގެންވެއެވެ.