ޚަބަރު

މިދިޔަ މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 5ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި


  • ކެންސަރަށް ފަރުވާކުރުމަށް 348،037 ރުފިޔާ

މިދިޔަ އޮކްޓޫބަރު މަހު ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ މިދިޔަ އޮކްޓޫބަރު މަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދީފައިވާގޮތުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 5 ކަމަކަށް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ސިކުނޑީގެ އޮޕަރޭޝަންތަކުގެ އިތުރުން ޓްރާންސްޕްލާންޓް ހެދުމަށެވެ. އަދި އެހެނިހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ. އޮކްޓޫބަރު މަހު ޖުމުލަ 124 މީހަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނެވެ.

އެހެން މަސްތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ޒަކާތު ފަންޑުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކެންސަރަށް ފަރުވާ ހޯދާ މީހުންނަށެވެ.

ޒަކާތު ފަންޑުން އެހީދިން މިންވަރު:

• ކެންސަރަށް ފަރުވާކުރުމަށް 348،037 ރުފިޔާ
• ކިޑްނީ ބަލިތަކަށް 80،569 ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންތަކަށް 33،924 ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް 33،924 ރުފިޔާ
• ޓްރާންސްޕްލާންޓް ހެދުމަށް 25،443 ރުފިޔާ
• އެހެނިހެން ބަލިތަކަށް 470،696 ރުފިޔާ

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޒަކާތު ފަންޑުން ޖުމްލަ 529،702 ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އަދި އެމަހުގެތެރޭގައި އެހީގެގޮތުގައި ދިނުމަށް ނިންމާފައިވަނީ ޖުމްލަ 992،594 ރުފިޔާއެވެ.

ޒަކާތު ފަންޑުން ކުރި އެހެނިހެން ޚަރަދުތަކުގެތެރޭގައި ހިމެނެނީ ޒަކާތުގެ މަސައްކަތްކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް މުވައްޒަފުންނަށް އުޖޫރަދިނުމަށް ޢާމިލުންގެ ބައިން ކޮށްފައިވާ ޚަރަދެވެ. އެގޮތުން އިދާރީ މުވައްޒަފުންގެ އުޖޫރައިގެގޮތުގައި 252،722.24 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް 92،363 ރުފިޔާ ކަނޑައަޅާފައިވެއެވެ.

މީގެ ކުރިން ފިޠުރު ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދެވި ނަމަވެސް މިހާރު އެމަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޚާއްސަކޮށް އުފައްދަވާފައިވާ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. މޯލްޑިވްސް ޒަކާތު ހައުސް ރައީސް އުފައްދަވާ، މިއިދާރާ އިފްތިތާޙް ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.