ކުޅިވަރު

ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޗެކްރިޕަބްލިކުން ބޮޑުކޮށްފި


ފަހަތުން އަރާ ކްރޮއޭޝިޔާއާ އެއްވަރުކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދިއުމުގެ ފުރުޞަތު ޗެކްރިޕަބްލިކުން ބޮޑުކޮށްފިއެވެ.

މިރޭ ކްރޮއޭޝިޔާއާ ޗެކްރިޕަބްލިކް ބައްދަލުކުރި މެޗް ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެނެވެ. މެޗްގައި ފުރަތަމަ 2 ލަނޑު ޖަހާ ކުރި ހޯދީ ކްރޮއޭޝިޔާއިންނެވެ. މި 2 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއާއި އިވާން ރަކިޓިޗް އެވެ.

މި 2 ލަނޑަށްފަހު ޗެކްރިޕަބްލިކްގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗް ނިމުމުގެ ކުރިން 2 ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ ޕޮއިންޓް ހޯދާފައެވެ. ޗެކްރިޕަބްލިކުން ކާމިޔާބުކުރި 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މިލާން ސްކޮޑާއެވެ. 2 ވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތޮމާސް ނެޗިޑްއެވެ. މި ގްރޫޕްގެ އެއްވަނާގައި މިވަގުތު 4 ޕޮއިންޓާއެކު އޮތީ ކްރޮއޭޝިޔާއެވެ. އަދި 3 ޕޮއިންޓާއިއެކު ގުރޫޕުގެ 2 ވަނާގައި އޮތީ ސްޕެއިންއެވެ. 3 ވަނާގައި އޮތް ޗެކްރިޕަބްލިކަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ގްރޫޕްގައި ކޮންމެ ޓީމަކަށްވެސް އަދި ބާކީ 1 މެޗު އެބައޮތެވެ.