ޚަބަރު

ހުޅުމާލޭގައި ލޯކަލް ޕޯޓް ސަރަޙައްދެއް ޤާއިމްކުރަނީ


ހުޅުމާލޭގައި ލޯކަލް ޕޯޓް ސަރަޙައްދެއް ޤާއިމްކުރެއްވުމުގެ ރަސްމީ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން ސޮއިކުރައްވައިފިއެވެ.

ރަނގަޅު ފެންވަރަކަށް ހުޅުމާލޭ ބަނދަރު ސަރަޙައްދު ތަރައްޤީކުރެއްވުމުގެ މަސަކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. މީގެ ކުރިން އެމް.ޕީއެލްއިން ހުޅުމާލޭ ބަނދަރު ސަރަޙައްދު  ބޭނުންކުރައްވަނީ، ދެފަރާތުގެ ދެމެދުގައިވާ އަންޑަސްޓޭންޑިންގއެއްގެ ދަށުންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ތަރައްޤީ ވެގެންދާއިރު، ރަނގަޅުފެންވަރުގެ ވިޔަފާރި ބަނދަރެއް ބޭނުންވާކަމަށެވެ.

އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، އިތުރު ޖާގައަކާއެކު، ރަސްމީކޮށް ހުޅުމާލޭ ބަނދަރާ ޙަވާލުވުމުން، އެސަރަޙައްދު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރައްވައި، ކޯލްޑްސްޓޯރޭޖަކާއި، މުދާ ކްލިއަރކުރެވޭނެ ރަނގަޅު ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށެވެ. އަދި ހުޅުމާލެ ބަނދަރަށް ބޭނުންވާ އިތުރު ވެހިކަލްތައް ކުރިއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެކަމަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް އަލަށް ޤާއިމްކުރެވޭ ބަނދަރުން 100 ވަރަކަށް ވަޒީފާ އުފެދިގެންދާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ އެއަރޕޯޓާ އެހާކައިރި ބަނދަރަކަށްވުމުން ހުޅުމާލޭ ވިޔަފާރި ބަނދަރަކީ މާބޮޑު ބަނދަރެއްގެގޮތަށް ތަރައްޤީކުރެވޭނެ ބަނދަރެއްނޫންކަމަށެވެ. އެހެންނަމަވެސް މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދު ތޮއްޖެހުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އަތޮޅުތަކަށް ފޮނުވާ މުދާ ކްލިއަރކުރާނީ ހުޅުމާލެ ބަނދަރުން ކަމަށާއި މާލޭގައި ކްލިއަރކުރާ މުދަލުގެ ބޮޑުބައެއް ހުޅުމާލޭ ބަނދަރަށް ބަދަލުކުރެވިގެންދާނެކަމަށް ޖުނައިދު ވިދާޅުވިއެވެ. އަދިހަމައެހެންމެ ހުޅުލެއާއި މާލެއާ ދެމެދު ބްރިޖް އެޅުމުން މާލެއަށް ގެންނަ ބައެއް މުދާވެސް ހުޅުމާލޭ ބަނދަރުން ބްރިޖު މެދުވެރިކޮށް ގެންދެވޭގޮތަށް ހަމަޖެހިގެންދާނެކަން ޖުނައިދު ފާހަގަކުރެއްވިއެވެ.

ހުޅުމާލެއާއި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގާ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ގެންނަ މުދާ ހުޅުމާލޭ ބަނދަރު ސަރަޙައްދުން ކްލިއަރ ކުރެވިގެންދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކުރެއެވެ.