އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން އިންތިޚާބުކުރައްވައިފިއެވެ.
މި މަގާމަށް ރައުޝާން އިންތިޚާބުކުރައްވާފައިވަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައި މިހާރު ކުރިއަށްދާ ހަވަނަ ކެރަމް ވޯލްޑް ކަޕުގެ ހަވާސާގެ ތެރެއިން އިއްޔެ ބޭއްވި އައިސީއެފްގެ ކޮންގްރެސްގައެވެ.
އައިސީއެފްގެ މަގާމަށް ކުރިއަށް އޮތް ހަތަރު އަހަރަށް އިންތިޚާބުވުމާއެކު ރައުޝާން ވެގެން ގޮސްފައިވަނީ އައިސީއެފްގެ ނައިބުގެ މަގާމު ފުރުއްވާނެ އެންމެ އުމުރުން ހަގު ބޭފުޅާއަށެވެ.
މީގެ 11 ވަރަކަށް އަހަރު ކުރިން، 2013 ވަނަ އަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި ކުޅުންތެރިއެއްގެ ގޮތުގައި ކެރަމްގައި ހަރަކާތްތެރިވާން ފެއްޓެވި ރައުޝާން ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކެރަމް ވޯލްޑް ކަޕުގައި އަމްޕަޔަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އެ މުބާރާތުގެ ފައިނަލް މެޗުގައިވެސް އިންސާފުކުރައްވާފައިވަނީ ރައުޝާންއެވެ.
އޭގެ ފަހުން ކެރަމްގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އައި ރައުޝާން، ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ކެރަމް އެސޯސިއޭޝަން ހިންގުމުގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ވަރުގަދަކުރިއިރު، މި އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕް ހޯސްޓްކުރުމުގައިވެސް ރައުޝާން ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.