ޚަބަރު

ސަލްޓަންޕާކް ތަރައްޤީގެ ފުރަތަމަ ފިޔަވަހި ޖުލައި މަހު ނިންމަނީ


ދިވެހިންގެ ތާރީޚާއި ގުޅިފައިވާ ސަލްޓަން ޕާކް ވީރާނާ ވަމުންދަނިކޮށް، އެތަނަށް ދިރުން ގެނައުމަށް ސަރުކާރުން މިހާރުވަނީ ޚާއްސަ މަޝްރޫއެއް ފަށްޓަވާފައެވެ. ދެ ފިޔަވަށްސަކަށް ބައްސަވާލައްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި މިނިވަން ދުވަހަށް ނިންމުމަށް ވަނީ އަމާޒު ކުރައްވާފައެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އެތަނުގެ މެއިން އެންޓްރެންސާއި، ފިނިފެންމާ ބަގީޗާއަކާއި، ކުޑަކުދިން ކުޅޭ ސަރަހައްދަކާއި، ގާރޑް ރޫމެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އެތަނުގައި ހުރި "އުސްގެކޮޅު" ކުޑަކުދިންނަށް ތާރީޚް ދަސްކޮށްދިނުމަށް، އެކުދިންނާ ގުޅޭ ގޮތަށް ހެދުމަށްވަނީ ނިންމާފައެވެ. މި މަސައްކަތް ޖުލައި މަހުގެ ސައްބީހަށް ނިންމުމަށް އެމްޓީސީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ޕާކްގެ ބޮޑުބައެއް ނިންމުމަށް ކަނޑައަޅާފައިވާއިރު، ވިންޓަރ ތީމްވެސް ހިމެނެނީ ދެވަނަ ފިޔަވަހީގައެވެ. ވިންޓަރ ތީމްގެ އިތުރުން، ޓްރީ ހައުސްއަކާއި، ވޯކް ވޭސް ތަކާއި، އިތުރު ފިނިފެންމާ ބަގީޗާތަކެއްވެސް ހެދުމަށްވަނީ ނިންމާފައެވެ.

އެމްޓީސީސީން ބުނީ، ދެވަނަ ފިޔަވަހީގެ ދަށުން ހަދާ ވިންޓަރ ތީމް ހެދުމަށް ދުނިޔޭގައި އެފަދަ ކަންކަން ތަޖުރިބާ ކޮށްފައިވާ ފަރާތްތަކާއެކު މިހާރުވެސް މަޝްވަރާ ކުރަމުންދާކަމަށެވެ. ދެވަނަ ފިޔަވަހި ނިންމާ ސަލްޓަންޕާރކް ރަސްމީކޮށް ހުޅުވުމަށް ކަނޑައަޅާފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.