ޚަބަރު

ރޮނާލްޑޯގެ ދެ ލަނޑާއެކު ޕޯޗުގަލް ކުއާޓާ ފައިނަލަށް


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޕޯޗުގަލުން ހޯދައިފިއެވެ.

މި މެޗުން ޕޯޗުގަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގު އޭގެ ގްރޫޕު އެކެއްގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ކޮލިފައިވެފައެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާ އަށް ފަސް މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު ޕޮލެންޑާއި ސްކޮޓްލޭންޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އެހެންކަމުން ގްރޫޕުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ޕޮލެންޑާއި ސްކޮޓްލޭންޑް ކުޅޭ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ޕޮލެންޑް މޮޅުވެގެން ނޫން ގޮތަކަށް އެ ޓީމަށް ކުއާޓަރ ފައިނަލުގެ ޖާގައެއް ނުލިބޭނެ އެވެ. ޕޮލެންޑަށް މައިނަސް ހަ ގޯލު އޮތްއިރު ސްކޮޓްލޭންޑަށް އޮތީ މައިނަސް ދެ ގޯލެވެ.

ޕޯޗުގަލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުމާއެކު ޕޯޗުގަލް އިން މެޗުގެ ކޮންޓްރޯލް ނަގާ ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ޕޯޗުގަލްގެ ރަފައެލް ލިއާއޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 72 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހިތްގައިމު ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ ބޮޑުވެފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

މި މެޗުގައި ޕޯޗުގަލްއިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދީފައިވާއިރު, އޭގެ ހަތަރު މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ޕޮލެންޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 88 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑޮމިނިކް މާކްޒުކް އެވެ.