ދާއިރާއަށް ގެންނަ ތަރައްޤީއާއި ކުރިއެރުމާއެކު ކުރިއަށް އޮތް 4 އަހަރަކީ ސިއްހީ ނިޒާމުގެ މުޅިން އައު ބާބެއް ލިޔެވިގެންދާނެ ދުވަސްތަކެއްކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވަނީ ސިއްހީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް 2018 ވަނަ އަހަރު ނިމުނަސް އެ ހޮސްޕިޓަލްގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންނުކޮށް ހުރުމަކީ ބޮޑު އިހުމާލެއްކަމަށެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ބޭއްވޭ ރަސްމިއްޔާތުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމްގައި ހުރި އެތައް މައްސަލަތަލެއް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު މިއަދު ފެނިގެންދާކަމަށެވެ.
"އެ މަސައްކަތްތަކުގެ ތެރޭގައި ބަލިވީމަ ބޭސްފަރުވާގެ ނިޒާމް ހަރުދަނާކުރުމާއި، އެކަންކަން ފުޅާކުރުމާއި، މިކަމުގެ އިތުރުން ބަލިމަޑުކަމުން ދުރުހެލިވެ ތިބުމަށްޓަކައި ދުޅާހެޔޮ އާބާދީއެއް މި ޤައުމުގައި ބިނާކުރުމާއި އަދި ސިއްހީ ދާއިރާގެ ގަވަނަންސް ހަރުދަނާކުރުމަށްޓަކައި ކުރައްވަންޖެހޭ އެތައް މަސައްކަތްތަކެއް މި 52 ހަފްތާގެ ތެރޭގައި ރައީސްގެ ސީދާ ބެލުމުގެ ދަށުން ވަނީ ފެށިފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޒިމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވާ، އެކަންކަން ހައްލުކޮށްދެއްވުމަށްކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ކުރިއަށްއޮތް 4 އަހަރު ސިއްހީ ދާއިރާއަށް ގެންނަ ތަރައްްޤީއާއި ކުރިއެރުމުން ފެންނާނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި މުޅިން އައު ބާބެއް ލިޔެވިގެންދާ މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ މި ވޭތުވެދިޔަ 1 އަހަރު ކުރެވުނު މަސައްކަތާއި އަޅުގަނޑުމެންނަށް ފަށައިގަނެވިފައި ހުރި ސިއްހީދާއިރާގެ މުހިންމު މަސައްކަތްތަކާއިއެކު ކުރިއަށްއޮތް 4 އަހަރު ވާނީ ދިވެހި ރައްޔިތުންނަށް ސިއްހީ ނިޒާމުގެ މުޅިން އައު ބާބެއް ލިޔެވިގެންދާނެ 4 އަހަރަށް". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން މާލޭ ސަރަހައްދުގެ އިތުރުން، އާބަން ސެންޓަރުތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތް ހަރުދަނާވެގެންދާނެކަމަށެވެ.