ގިނަ މީޓް ރިކޯޑުތަކެއް ފެނިގެންދިޔަ މިއަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޖުމްލަ 52 ސްކޫލަކުން 1563 އެތުލީޓުން ބައިވެރިވި މިއަހަރުގެ އިންޓަސްކޫލް މުބާރާތުގައި ތިން އުމުރުފުރާގެ މޮޅު ހަ އެތުލީޓުން ގިނަ މީޓް ރިކޯޑު ހަދާފައެވެ. އެގޮތުން މުބާރާތުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ދެ އުމުރުފުރާ އިން މޮޅު އެތުލީޓަށް ހޮވުނު ދުވުންތެރިން ކޮންމެ މޮޅު އެތުލީޓަކު ވެސް މީޓް ރެކޯޑެއް ހަދާފައެވެ.
ވަނަވަނައަށް ދިޔަ އެތުލީޓުންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒެވެ.
އުމުރުފުރާތަކުގެ މޮޅު އެތުލީޓުންތަކުގެ ތެރެއިން 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ އައިމިނަތު އައުހާ އަބްދުއް ރަހްމާނެވެ. އޭނާ ވަނީ 100 މީޓަރު، 200 މީޓަރު، ލޯންގް ޖަމްޕް ރަން މެޑަލް (100 އާއި 200 މީޓަރު މީޓް ރެކޯޑު) ހަދާފައެވެ.
މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އިސްކަންދަރު ސްކޫލުގެ އުލްވާން އިބްރާހިމް އުމަރު ހޮވުނުއިރު އޭނާ ވަނީ 100 މީޓަރު، 200 މީޓަރު ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑް) ހަދާފައެވެ.
މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ ޒީކް އަޝްރަފު ރަޝީދެވެ. އޭނާ ވަނީ 800 މީޓަރު، 1500 މީޓަރު ރަން މެޑަލް (800 މީޓަރު އާއި 1500 މީޓަރު މީޓް ރެކޯޑް) ހޯދާފައެވެ. އެންމެ މޮޅު ފިިރިހެން އެތުލީޓަކަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުނަފް ރައްޔާން ފަހުމީ ހޮވުނުއިު އޭނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި ލޯންގް ޖަމްޕް ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑު) ހޯދާފައެވެ.
މުބާރާތުގެ ތޭރަ އަހަރުންދަށުގެ ބައިން ގަދަ ތިން ސްކޫލު ވަނީ ހޮވާފައެވެ. އެގޮތުން އަންހެން ޗެމްޕިއަން ސްކޫލަކަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޮވުނުއިރު، ފިރިހެން އެއް ވަނަ ސްކޫލްގެ މަގާމު ލިބުނީ، ރެހެންދި ސްކޫލަށެވެ. މި އުމުރުފުރާގެ ދެ ވަނަ ސްކޫލަކަށް ފިރިހެން ބައިން އަބޫބަކުރު ސްކޫލް ހޮވުނުއިރު، ތިންވަނަ ލިބުނީ، ހާފިޒު އަހުމަދު ސްކޫލަށެވެ. އަންހެން ދެ ވަނަ ސްކޫލަކަށް މުހައްމަދު ޖަމާލުއްދީން ސްކޫލް ހޮވުނުއިރު، ތިން ވަނަ ލިބުނީ، ކަނޑުހުޅުދޫ ސްކޫލަށެވެ.