ޚަބަރު

އެމްއެމްއައި އިން 61 ދަރިވަރަކު ތަމްރީނުވެއްޖެ


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދެވުމަށްފަހު ފުރަތަމަ ހިންގި ސެޓްފިކެޓް ލެވެލްގެ ހަތަރު ކޯހެއް ނިންމި ކުދިންނަށް ސެޓްފިކެޓްދީފިއެވެ.

ޕީއެސްއެމްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓުން ހިންގި މި ކޯސްތައް ނިންމާ ޖުމްލަ 61 ކުއްޖަކު ސެޓްފިކެޓް ހާޞިލްކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ މީޑިއާ އިންސްޓިއުޓެވެ. މިތަން އުފެދި ފުރަތަމަ ބެޗްގެ ކޯސްތައް ނިންމި ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، މި ކޯސްތަކުގެ ތެރޭގައި  ސެޓްފިކެޓް ކެމެރާ އޮޕަރޭޝަން، ސެޓްފިކެޓް ޕްރޮޑަކްޝަން ޓެކްނީޝަން(ޓީވީ)، ޓީވީ ޕްރޮޑަކްޝަން، ސެޓްފިކެޓްއިން ޓީވީ ޕްރެޒެންޓިންގެ އިތުރުން ސެޓްފިކެޓްއިން ރޭޑިއޯ ޕްރޮޑަކްޝަން ކޯހާއި، ސެޓްފިކެޓް އިން ރޭޑިއޯ ޕްރެޒެންޓިން ކޯސް ހިމެނެއެވެ.

މިކޯސްތަކަށް ފުރުޞަތު ހުޅުވާލުމުން ޖުމްލަ 205 ފަރާތަކުން ކުރިމަތިލާފައިވާއިރު މީގެ ތެރޭން ކޯސްތަކަށް ހޮވިފައިވަނީ 73 ކުއްޖެކެވެ. އަދި ކޯސްތައް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ މީގެ ތެރޭން 61 ކުއްޖެކެވެ. މިކޯސްތަކުގެ ތެރޭން ކޮންމެ ކޯހަކުންވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނު ކުދިންނަށް މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ހޯމް މިނިސްޓަރ އުމަރު ނަޞީރެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ވިދާޅުވީ ޕީއެސްއެމް އެފެދުމާއެކު ޕީއެސްމްގައި ޒަމާނީ މީޑިއާއެއް އުފެއްދުމަށް މަސައްކަތްކުރެއްވިކަމަށެވެ. އެގޮތުން ކުރެއްވި މަސައްކަތުން ރާއްޖޭގައި ޒަމާނީ މީޑިއާ އުފެއްދުމަށްޓަކާ މިދާއިރާއިން ކިޔެވުމުގެ ފުރުސަތުތައް ހަނިކަން ހާމަވެގެންދިޔަކަމަށެވެ. އެހެންކަމުން ޕީއެސްއެމްއިން ރާއްޖޭގެ ފުރަތަމަ މީޑިއާ އިންސްޓިޓިއުޓް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީކަމަށް ޝާޔަން ވިދާޅުވިއެވެ.

ޝާޔަން ވިދާޅުވީ މީޑިޔާ އިންސްޓިޓިއުޓުން ކުރިމަގުގައި ރާއްޖޭން ބޭރުގެ އެފްލިއޭޓެޑް ކޯސްތައް ހިންގަވާނެކަމަށާ މީގެ އިތުރުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައްވެސް ހިންގެވުމަށް ރޭވިފައިވާކަމަށެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ނުވަތަ އެމްއެމްއައިގެ ކޯސްތައް ހިންގެވުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ޝާޔަން ވިދާޅުވިއެވެ. ރާއްޖޭގެ މީޑިޔާއަށް ބޭނުންވާ ފަންނުވެރި މުޢައްޒަފުން އުފެއްދުމުގެ ބޭނުމުގައި އުފެއްދި މި އިންސްޓިއުޓްގެ ފުރަތަމަ ބެޗްގެ ކޯސްތައް ނިންމި ކުދިނަށް ސެތްފިކެޓް ދީފައިވާއިރު މީގެ ތެރޭން ގިނަ ކުދިންނަށް މިހާރު ރާއްޖޭގެ އެކިއެކި މީޑިޔާތަކުން ވަޒީފާގެ ފުރުޞަތު ލިބިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.