ޚަބަރު

ރޯސް ސިރަޕް ގަތުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި


ސިންގަޕޫރުގެ ނޮދަން ލަކް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ރޯސް ސިރަޕް ފުޅި އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚަށް ބަދަލު ގެނެސްގެން ބާޒާރުގައި ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ހާމަކުރެއްވިގޮތުގައި މިކަން ބެލި ބެލުމުން، އެފުޅީގައި މުއްދަތު ހަމަވާ ތާރީޚް ހަމަވުމުން އޭގައި ސްޓިކާއެއް ބޭނުންކޮށްގެން މުއްދަތުހަމަވާ ތާރީޚް ބަދަލުކޮށްގެން ވިއްކަމުންދާކަން ކަށަވަރުވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ.

އެހެންކަމުން މިބާވަތުގެ ރޯސް ސިރަޕް ފުޅި، ވިއްކާ އަދި ގަންނަ ފަރާތްތަކުން އެފަދަ ސްޓިކާއެއް ފުޅީގައި ތަތްކޮށްފައި ހުރިތޯ، ރަނގަޅަށް ބަލާ، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، އެތަކެތި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެ އިދާރާއިން ވިދާޅުވީ، ރާއްޖެ އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ އުފެއްދުންތައް އޮޅުވާލައިގެން ވިއްކާނަމަ، "މުދާ ގަންނަ ފަރާތްތަކާއި، ޚިދްމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރާ ޤާނޫނު" ގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.