އިޓަލީގެ ސެރިއާގެ ކްލަބް ރޯމާގެ ކޯޗު ކަމުގެ މަގާމަށް ފުޓްބޯޅައިން ރިޓަޔާ ކޮށްފައިވާކަމަށް މީގެ ހަމަސް ދުވަސް ކުރިން އިއުލާން ކުރި ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފި އެވެ.
އުމުރުން 73 އަހަރުގެ އިޓަލީއަށް އުފަން ރަނިއޭރީ ރޯމާގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. ރޯމާއިން ކޯޗެއް ހޯދަން ފަށާފައިވަނީ އެ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރި ކްރޮއޭޝިއާގެ އިވާން ޖުރިޗް 12 މެޗަށްފަހު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ރަނިއޭރީ އަކީ މި ސީޒަނުގައި ރޯމާގެ ކޯޗު ކަމާއި ހަވާލުވާ ތިންވަނަ ފަރާތެވެ. ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އެ ޓީމު ދޫކޮށް ދިއުމާއި ގުޅިގެން ކޯޗު ކަމަށް ހަމަޖައްސާފައިވަނީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރ ޑެނިއެލް ޑެރޮސީ އެވެ. އަދި މި ސީޒަނުގެ ފުރަތަމަ ހަތަރު މެޗަށްފަހު ޑެރޮސީ މަގާމުން ދުރުކޮށް ޖުރިޗް ކޯޗު ކަމަށް ހަމަޖެއްސި އެވެ. ނަމަވެސް އެ ދެ ކޯޗުންނަށްވެސް ރޯމާއިން ބޭނުންވާފަދަ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.
ރޯމާގެ ކޯޗަކަށް މި ސީޒަނުގެ ނިޔަލަށް ރަނިއޭރީ ހަމަޖައްސާފައިވާއިރު އޭނާ ވަނީ އެ ކްލަބަށް ލާފާދޭ ފަރާތެއްގެ ޒިންމާ އާއިވެސް ހަވާލުވެފަ އެވެ. އެ ގޮތުން މި ސީޒަނަށްފަހު ރޯމާގެ ސީނިއާ އެގްޒެކްޓީވް މަގާމަކަށް ރަނިއޭރީ ހަމަޖައްސާނެ އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރޯމާއަށް ކޯޗު ކޮށްދީފައިވާ ރަނިއޭރީ ވަނީ 2019 ވަނަ އަހަރުވެސް ވަގުތީ ގޮތުން ރޯމާއަށް ކޯޗުކޮށްދީފަ އެވެ.
މީގެ ހަ މަސް ދުވަސް ކުރިން ރަނިއޭރީ ކޯޗިން އާއި ދުރަށް ދިޔަކަމަށް އިއުލާން ކޮށްފައިވަނީ ކަގްލިއާރީ ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށްފަހުގަ އެވެ.
ފާއިތުވެދިޔަ 37 އަހަރުގެ ތެރޭގައި ރަނިއޭރީ ވަނީ 18 ކްލަބަކަށް ކޯޗުކޮށްދީ އެތަކެއް ކާމިޔާބީއެއް ހޯދާފަ އެވެ. އޭގެ ތެރެއިންވެސް 16-2015 ވަނަ އަހަރުގެ ސީޒަނުގެ ލެސްޓަރ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގު ވަނީ ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ ގްރީސްގެ ގައުމީ ޓީމަށްވެސް މީގެ ކުރިން ކޯޗު ކޮށްދީފަ އެވެ.
މި ސީޒަނަށްފަހު ރޯމާގެ ދާއިމީ ކޯޗަކަށް ގެނައުން އެންމެ ކައިރީ އިޓަލީ ރޮބާޓޯ މަންޗީނީ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.